17 May 2020, 20:10
ވެލިންޓަން (17 މެއި 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން އާއި އެކަމަނާގެ ފިރިކަލުން ކްލާކް ގޭފޯޑް ވެރިރަށް ވެލިންޓަންގެ ކެފޭ އަކަށް ވެއްދުމަށް އެ ކެފޭއިން ދެކޮޅު ހަދައިފިއެވެ.
ނިއުޒިލޭންޑްގެ މީޑިއާ ބުނާގޮތުން ޖަސިންޑާ ފިރިކަލުން ކްލާކް ގޭފޯޑް އިއްޔެ ހެނދުގެ ނާސްތާއަށް ވަޑައިގެންނެވީ ވެލިންޓަންގެ ކެފޭ އަކަށެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ގައިދުރުކަމުގެ ފިޔަވަޅުތަކާއެކު އެ ކެފޭގައި އެވަގުތު ޖާގަނެތުމުން (ހުސް މޭޒެއް ނެތުމުން) ކެފޭއަށް ވަނުމުގެ ފުރުސަތު ދެވެންނެތްކަމަށް އެ ކެފޭގެ ވެއިޓަރަކު ބުނުމުން ޖަސިންޑާއާއި ފިރިކަލުންވަނީ އެތަނުން ދުރަށް ވަޑައިގެންފައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން އެ ކެފޭގެ މުވައްޒަފަކު އައިސް އެދެކަނބަލުންނާ ބައްދަލުކޮށް މޭޒެއް ހުސްވެއްޖެ ވާހަކަ ބުނުމުން އެދެކަނބަލުން އަލުން އަނބުރައި ކެފޭއަށް ވަޑައިގެން ހެނދުނުގެ ސައިފޮދަށް އިންސާފު ކުރެއްވި ކަމަށް ނިއުޒުލޭންޑްގެ ނޫސްތައް ބުނެއެވެ.
ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް ޓަކައި ނިއުޒިލޭންޑްގެ އަޅާފައިވާ ފިޔަވަޅުތައް ބުނާގޮތުން އެގައުމުގެ ކެފޭ ރެސްޓޯރެންޓްތަކުގައި މީހުންނަށް ތިބެވޭނީ އެކަކު އަނެކަކާ ދެމެދު އެއްމީޓަރުގެ ގައިދުރުކަމެއް ބަހައްޓައިގެންނެވެ. އެއްމޭޒު އަނެއް މޭޒާ ދެމެދުގައިވެސް މިވަރުގެ ގައިދުރުކަން ބަހައްޓަންޖެހެއެވެ. އަދި ކެފޭ ރެސްޓޯރެންޓް ބޮޑުވެފައި ތަންއޮތްނަމަވެސް އެއްވަގުތަކު 100 ކަސްޓމަރުންނަށްވުރެ ގިނަމީހުންނަށް ޚިދުމަށް ދީގެންނުވާނެކަމަށް އެ ފިޔަވަޅުތައް ބުނެއެވެ.
ބޮޑުވަޒީރު ޖަސިންޑާ އަށް ކުރިމަތިވެ ވަޑައިގެންނެވި މިމައްސަލަ އާ ގުޅިގެން އެކަމަނާގެ އޮފީހުން ވަނީ އެ ކެފޭއިން އަމަލުކުރި ގޮތަށް ތައުރީފްކޮށް ބަޔާނެއް ނެރެފައެވެ. އަދި ޖަސިންޑާއަކީ ބޮޑުވަޒީރުކަމަށް ވީނަމަވެސް އާންމު ތަންތަނުގައި އާދައިގެ ރައްޔިތުންނާ އެކަމަނާ އާ ތަފާތު ކޮށްގެން ނުވާނެކަމަށް އެބަޔާން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ޖަސިންޑާ ގެ ފިރިކަލުން ވެސްވަނީ ކޮރޯނާ ވައިރަސްގެ މިދުވަސްވަރު ކުރިން ބުކިންގް ނުހަދައި ކެފޭއަށް ދެވުނީތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.
ޖަސިންޑާ ގެ ޒައާމަތުގައި ނިއުޒިލޭންޑްވަނީ ކޮވިޑް-19 ކޮންޓްރޯލު ކުރުމުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 4 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އެގައުމުން 1494 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ 21 މީހުން މަރުވި ނަމަވެސް މިހާރުވަނީ އެރޯގާ ކޮންޓްރޯލްކޮށްފައެވެ. މިހާރު ނިއުޒިލޭންޑުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޕްރޮގްރާމު ކުރިޔަށް ގެންދާއިރު ޕޮޒިޓިވްވަނީ އެކަކު ނޫނީ ދެ މީހުންނެވެ. (ނިއުޒިލޭންޑްގެ މީޑިއާ)