17 May 2020, 17:23
ލަންޑަން (17 މެއި 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ކޮންޓްރޯލު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އިނގިރޭސިވިލާތާއި ޖަރުމަނުގައި އެތަށް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރި މީހުން ގޮވާލީ ކޮވިޑް-19 ކޮންޓްރޯލު ކުރުމުގެ ގޮތުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާ އަދި ގައިދުރުކަމުގެ ފިޔަވަޅުތައް އުވާލުމަށެވެ. އިނގިރޭސިވިލާތުގައި މުޒާހަރާކުރި މީހުން އެއްވީ ލަންޑަނުގެ މަޝްހޫރު ހައިޑް ޕާކަށެވެ. އެތަނަށް އެއްވި މީހުން ގޮވާލަމުންދިޔައީ ދިޔައީ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމަށާ އަދި ގައިދުރުކަން ބެހެއްޓުމަށް މަޖްބޫރު ނުކުރުމަށެވެ. މިގޮތަށް ގޮވާލައި މުޒާހަރާކުރަން ފެށިތާ ގިނައިރުތަކެއް ނުވަނީ ލަންޑަންގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައެވެ. އަދި މުޒާހަރާ ހުއްޓާލުމަށް ދެކޮޅުހެދި 19 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިނގިރޭސިވިލާތަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގައި ދެވަނައަށް އެންމެ މަރު ގިނަ ގައުމެވެ. ކޮވިޑް-19 ގެ ސަބަބުން އެމެރިކާގައި 89،000 ގިނަ މީހުން މަރުވެފައިވާއިރު އިނގިރޭސިވިލާތުގައި 240،000 މީހުންނަށް އެރޯގާ ޖެހި 34،000 އަށްވުރެ ގިނަ މީހުން މަރުވެފައިއެވެ. މީގެއިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރު ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާއިރު އިނގިރޭސިވިލާތުގައި އެރޯގާ އަދި ކޮންޓްރޯލެއް ނުކުރެވެއެވެ. އެހެންކަމުން ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ލުއި ދިން ނަމަވެސް އިނގިރޭސިވިލާތުން ލުއިދޭން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ.
އެހެންނަމަވެސް ފުރަބަންދުގައި އިނގިރޭސިވިލާތް ބާއްވާ މުއްދަތު ދިގުލައިގެން ދިޔުމާއެކު ގިނަ ބަޔަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ ފަގީރުން ގެ އަދަދު ގިނަވަމުންދާތީ މި ހަފްތާއިން ފެށިގެން އެގައުމުން ވަނީ ބައެއް ބާވަތުގެ މަސައްކަތް ކުރާ މީހުން އެކަހެރިކޮށް މަސައްކަތު ދިޔުމަށާ އަދި ޕާކުތަކަށް ދިޔުމުގެ ހުއްދަ މުސްކުޅިން ދީފައެވެ. ނަމަވެސް ޕާކުތަކަށް ދާންޖެހޭނީ ގައިދުރުވެ ތިބެގެންކަމަށް ޝަރުތުކޮށްފއި ވެއެވެ. މިނޫން ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ އަންނަ ޖޫން މަހުން ފެށިގެންނެވެ.

ޖަރުމަނުގައި މުޒާހަރާ ކުރަނީ
ޖަރުމަނަށް ބަލާއިރު ކޮވިޑް-19 ކޮންޓްރޯލު ކުރުމުގެ ގޮތުން އެގައުމުން އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލުމަށް ގޮވާލައި އެތަށް ހާސްބަޔަކު އިއްޔެ ވަނީ މުޒަހަރާކޮށްފައެވެ. މުޒާހަރާކޮށްފައިވަނީ ސްޓުޑްގާޑް، މިޔުނިކް އަދި ފްރެންކްފަޓްގެ މަގުތަކުގައެވެ. ޖަރުމަނުން ވަނީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ ހަފްތާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވުން އަދިވެސްވަނީ މަނާކޮށްފައެވެ. އަދި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުންވަނީ މަޖްބޫރުކޮށްފައެވެ.
ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލުމަށް ގޮވާލައި ޖަރުމަނުގެ ސްޓުޑްގާޑްގައި މުޒާހަރާކުރި މީހުންގެ އަދަދު 5،000 އަށްވުރެ ގިނަ އިރު، މިއުނިކާއި ފްރެންކްފާޓުގައި 3،000 އަށްވުރެ ގިނަ މީހުން ނުކުތެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ތިބީ ގައިދުރުކުރުމަށް އިހުތިރާމުނުކޮށް، އަދި މާސްކުވެސް ނާޅައެވެ.
ކަމާ ބެހޭ ފަރާތްތަކުގެ ބަސް ނޭހުމަށް ގޮވާލާކުރާ މިމުޒާހަރާތައް އިންތިޒާމުކުރަނީ ކޮވިޑް-19 އަކީ ނުރައްކާ ރޯގާއެއް ނޫންކަމާ އެއީ ރޭވުމެއް ނުވަތަ ކޮންސްޕިރަސީ ތިއަރީއެއްގެ ދަށުން މާބޮޑުކޮށްލައިގެން އުޅޭ ރޯގާއެއްކަމަށް ގަބޫލުކުރާ ޖަމާއަތްތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަރުމަނުން ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވީނަމަވެސް މިފަދަ އަސާސެއް ނެތް ވިސްނުން ގެންގުޅޭ މީހުންގެ މުޒާހަރާތަކުގެ ސަބަބުން އެގައުމުގައި އަލުން އެރޯގާ ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ޖަރުމަނު ސަރުކާރުންވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށްފައި ބޭއްވޭނީ ގައިދުރުކަމާއި މާސްކު އެޅުންފަދަ ފިޔަވަޅުތައް ހަރުކަށިކޮށް ތަންފީޒުކޮށްގެންކަން ބަޔާންކޮށް އެކަން ތަންފީޒު ކުރާނެކަމަށް ބުނެފައެވެ. (އަލްޖަޒީރާ)