ޓެލްއަވީވް (17 މެއި 2020) : އިސްރާއީލުގައި ހުންނަވާ ޗައިނާގެ ސަފީރު ޑޫވެއި ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ. އިސްރާއީލު ފުލުހުންގެ ތަރްޖަމާނަކު ވިދާޅުވީ ޑޫވެއި އަވަހާރަވެފައި ވަނީ ތަބީއީ މަރަކުން ކަމަށް ބެލެވިފައިވާ ކަމަށާ ނަމަވެސް އޭނާ އަވަހާރަވި ސަބަބު ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.

އުމުރުފުޅުން 58 އަހަރުގެ ޑޫވެއި އަވަހާރަވެފައި ވަނިކޮށް ފެނުނީ މިއަދު ހެނދުނުއެވެ. އޭނާ ފެނުނުއިރު އޮންނެވީ ޓެލްއަވީވްގެ އުތުރުގައިވާ ކުޑަ ސިޓީއެއް ކަމަށްވާ ހިރްތިސްލިޔާގައި ހުންނަ އޭނާ ދިރިއުޅުއްވާގޭގައި އޭނާ ނިދިކުރައްވާ ކޮޓަރީގެ އެނދުގަ އެވެ. ޑޫވެއިގެ ހަށިކޮޅުގެ އެއްވެސް ތަނަކަށް ގެއްލުމެއް އަދި އަނިޔާއެއް ލިބިފައިނުވާކަމަށާއިއެގޭގައި ވެސް އާދަޔާ ޚިލާފު ކަމެއް ހިނގާފައިނުވާކަމަށް އިސްރާއީލު ފުލުހުންގެ ތަރްޖަމާނު ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ދިރިއުޅުއްވާ ގެކޮޅުގެ ކައިރީގައި އިސްރާއީލުގެ ފުލުހުން ހަރަކާތްތެރިވަނީ

ސަފީރު ޑޫވެއި އަވަހާރަވި މައްސަލައާގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއާއި އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން މުޢާމަލާތްތައް ކުރަމުން ގެންދިޔަނަމަވެސް ޑޫވެއިގެ މަރާބެހޭގޮތުން ޗައިނާ ސަރުކާރުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ޑޫވެއި ގެ ހަށިކޮޅު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުން އޭނާ އަވަހާރަވެފައިވަނީ ނިދުމުގެ ތެރޭގައި ހިތްޕުޅަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ކޮން މައްސަލައެއްކަން އެނގޭނީ އެކަން ބެލުމަށްފަހުގައި ކަމަށާ ބެލުމުގެ ކަންތައް އިސްރާއީލު ފުލުހުންގެ ޑޮކްޓަރުންގެ ޓީމަކުން ކުރަމުން ގެންދާކަމަށް ޗެނެލް 12 ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޑޫވެއި އިސްރާއީލުގައި ދިރިއުޅުއްވަނީ ގިނިކަންޏާއެވެ. އޭނާގެ އާއިލާ ދިރިއުޅެނީ ޗައިނާގައެވެ. ޑޫވެއި ގެ ފިރިހެން ދަރިއަކާއި އަނބިކަނބަލަކު ހުންނަ ކަމަށް ވެއެވެ. ޗައިނާ ސަރުކާރުން ގެންދަނީ ޑޫވެއި ގެ ހަށިކޮޅު ގައުމަށް ގެނައުމަށް ޓަކައި އިސްރާއީލަށް ޚާއްސަ ޖެޓެއް ފޮނުވަން ތައްޔާރުވަމުން ކަމަށް ޚަބަރު ލިބެއެވެ. (އިސްރާއީލުގެ މީޑިއާ + އަލްޖަޒީރާ)