ކޮލަމްބޯ (މެއި 17): ސްރީލަންކާގައި ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ސާވިސެސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ޕަބާ ޕަލިހަވަދަނަ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ލަންކާގެ މުޖުތަމައު ތެރެއިން ބަލީގެ ކޭސްތައް ނުފެނެ އެވެ. އަދި މިހާރު ވައިރަސް ފެތުރެނީ ކަނޑުގެ ސިފައިންގެ ކްލަސްޓާގެ މެދުގައި ކަމަށާއި އެންމެ ފަހުން ވެސް ޕޮޒިޓިވްވެފައި ވަނީ ސިފައިންނާއި އެމީހުންގެ އާއިލާގެ މެމްބަރެއް ކަމަށް ވިދާޅުވެފަ އެވެ.

ޕަލިހަވަދަނަ ވަނީ ބަލި ކޮންޓުރޯލް ކުރި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މީހުން އަމަލު ކުރަމުން ދިޔުމަށް އެދިވަޑައިގެންފަ އެވެ. އަދި ޖިސްމާނީ ގައިދުރުކަން ބަހައްޓާ ގިނަގިނައިން އަތް ދޮވުމާއި ގެއިން ބޭރަށް ނުކުންނަ އިރު މާސްކު އެޅުން މުހިއްމު ކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ލަންކާގެ ނެޝަނަލް އޮޕަރޭޝަން ސެންޓާ ފޯ ޕްރިވެންޝަން އޮފް ކޮވިޑް-19 އައުޓްބްރޭކް (އެންއޯސީޕީސީއޯ)ގައި އިސްކޮށް ހުންނަވާ އަދި އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރު ޝަވެންދުރަ ސިލްވާ ވިދާޅުވި ގޮތުގައި އިއްޔެ އެގައުމުން ފެނިފައި ވަނީ ވައިރަހުގެ 25 ކޭސް އެވެ. އޭގެ ތެރެއިން 23 މީހުންނަކީ ކަނޑުގެ ސިފައިންނެވެ. އަދި ބާކީ ދެ މީހުންނަކީ ކަރަންޓީނު ސެންޓަރުތަކުގައި ތިބި މީހުންނެވެ.

އެންއޯސީޕީސީއޯއިން ބުނި ގޮތުގައި މިހާތަނަށް އެގައުމުގެ ކަނޑުގެ ސިފައިންގެ 488 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 177 މީހަކު ބަލިން ރަނގަޅުވުމުން ދޫކޮށްލާފައިވާ އިރު 311 ސިފައިންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ލަންކާގެ ވެލިސަރަ ނޭވީ ކޭމްޕުގެ ސިފައިން މިދިޔަ މަހު ވައިރަހަށް ޕޮޒިޓިވްވާން ފެށީ ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހަކު ފިލައިގެން އުޅޭތީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭގެ ސަބަބުން އެ ކޭމްޕުގައި ތިބި 4،000އަށް ވުރެ ގިނަ ސިފައިންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ވަނީ އެތަނުގައި ކަރަންޓީނުކޮށްފަ އެވެ. އަދި އެ ކޭމްޕުގައި ދިރިއުޅޭ އެންމެން ދަނީ ޓެސްޓު ކުރަމުންނެވެ.

ލަންކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 960އަށް އަރާފައިވާ އިރު އޭގެ ތެރެއިން 538 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ ނުވަ މީހެކެވެ.