ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 67 މީހަކު އެނބުރި ގައުމަށް ފޮނުވާލައިފި އެވެ.

މި މީހުން އެނބުރި ގައުމަށް ފޮނުވާލާފައި ވަނީ ރާއްޖެއަށް އެހީގެ ތަކެތި ހިފައިގެން އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ އިރު އަން ޑޮކިޔުމެންޓެޑް، ނުވަތަ ސައްހަ ލިޔެކިޔުންތައް ނެތް މީހުން ވެސް ގިނަ އަދަދަކަށް އުޅެ އެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އަން ޑޮކިޔުމެންޓެޑް ނުވަތަ ސައްހަ ލިޔެކިޔުން ނެތް މީހުންގެ އަދަދު 63،000 އަށް ވުރެ ގިނަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އެކި މަސައްކަތްތައް ކުރަން ލައްކައަކަށް ވުރެ ގިނަ ބަންގަލަދޭޝް ރައްޔިތުން ހަރަކާތްތެރިވާ އިރު، ކޮރޯނާގެ މި ހާލަތުގައި އެނބުރި ގައުމަށްދާން ބޭނުން މީހުން މީގެ ކުރިން ވެސް ވަނީ ގައުމަށް ފުރުވާލައިފަ އެވެ.

އެގޮތުން އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި މީގެ ކުރިން 68 މީހުން ފުރުވާލި އިރު އިއްޔެ ވެސް ވަނީ ދިވެހި ސަރުކާރުން ޗާޓަރުކުރި ބަންގްލަދޭޝްގެ މަތިންދާބޯޓުގައި އެ ގައުމުގެ 353 މީހަކު ފުރުވާލައިފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 1،500 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިމަހުގެ ކުރީ ކޮޅުގައި ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވި ފަހުން މިއީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލު ފުރަތަމަ ފަހަރެވެ. ނަަމަވެސް ކޮވިޑް-19ގެ ނުރައްކާ އެ ބިދޭސީންނަށް ބޮޑުވެފައިވާ އިރު ރައީސް އެހެން ވިދާޅުވުމުގެ ކުރިން ވެސް ވަނީ ބައެއް ބިދޭސީން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާފަ އެވެ.

ރާއްޖެއިން މިހާތަނަށް 1078 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ 557 މީހުން ހިމެނެ އެވެ. މި ބަލި ޖެހުނު ހަތަރު މީހަކު ރާއްޖޭގައި މަރުވި އިރު އޭގެ ތެރޭ ބަންގްލަދޭޝްގެ އެކަކު ހިމެނެއެވެ.