17 May 2020, 12:53
އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ދުވަހަކަށް ވުރެން ދުވަހެއް ބާރުގަދަ ވަމުންދާތީ އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން މިޔަންމާއަށް ވެސް ނުރައްކާ ވުމުގެ ބިރު ބޮޑު ކަމަށް މޫސުމާބެހޭ އޮފިޝަލުން ބުނެފި އެވެ.
ތޫފާން "އަމްޕުން" ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ ބާރު އިތުރަށް ވަރުގަދަވެ، ކައިރި އަވައްޓެރި ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން އިންޑިއާއާއި، ބަންގްލަދޭޝްގެ އާބާދީގެ ބޮޑު އިންސައްތަ އަކީ ނާޒުކު ބަޔަކަށް ވެފައި، މި ތޫފާނުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިދާނެ ކަމަށް މޫސުމާ ބެހޭ މާހިރުން ދަނީ ބުނަމުންނެވެ.
ރާއްޖޭގެ މީޓްރޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން މިއަދު ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެއް ނަމަވެސް، ރާއްޖެއަށް ކުރާ ވިއްސާރައިގެ ބާރު ގަދަވެގެން އުޅެނީ މި ދުވަސްވަރު ބޭ އޮފް ބޭންގާލްގައި އުފެދެމުން ދާ ތޫފާނެއްގެ ނުސީދާ އަސަރުކުރަމުން ދާތީ ކަމަށެވެ. މެޓް އޮފީހުން ބުނީ އެ ތޫފާނުގެ ސީދާ އަސަރުތައް ރާއްޖެއަށް ނުކުރާނެ ކަމަށާއި ތޫފާން ދަތުރު ކުރަމުން ދަނީ އިންޑިއާޔާއި ބަންގާޅާ ގުޅޭ ބޯޑަރާ ހިސާބަށް ކަމަށެވެ.
"ތޫފާން ބޮޑަށް ފޯލްވާނެ ކަމަށް މިބެލެވެނީ އިންޑިއާ ބަންގާޅު ބޯޑަރަށް. އެހެން ވީމާ ސީދާ އަސަރެއް މީގައި ރާއްޖެއަކަށް ނުކުރާނެ،" މެޓްގެ އޮފިޝަލަކު ވިދާޅުވި އެެވެ.
ކުރިއަށް އޮތް 24 ގަނޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ގަދަ ވަޔާއެކު ކުރަމުންދާ ބޯ ވިއްސާރައިގެ މި ތޫފާން ދަތުރު ކުރަމުންދާ ސީދާ މަންޒިލެއް އަދި ނޭނގޭ އިރު، މިވަގުތު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ސެންޓަރްލަ ބެންގަލް ބޭ އަށެވެ. އެކަމަކު ތޫފާން ދެން އެންމެ އަވަހަށް ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވެނީ ދެކުނަށް ކަމަށްވާތީ ދެކުނު ބެންގަލް ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަގުތީ ހިޔާތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެހެން ނަމަވެސް، ތޫފާން ދަތުރުކުރާ ރޫޓިން އަދި ދެނެގަނެވިފައި ނުވާތީ އޭގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކޮން ސަރަހައްދެއް ކަމެއް ނޭނގެ އެވެ. ގަޑިއަކު 90 މޭލުގެ ބާރު މިނެއްގައި ވައިޖެހެމުންދާ މި ތޫފާންގައި ބުދަ ދުވަހުގެ ނިޔަލަށް 120 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި ބުރާސްފަތި ދުވަހު އަނެއްކާވެސް ތޫފާންގެ ބާރު މަޑު މަޑުން ދައްވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.
ތޫފާން އަމްޕުންގެ ސަބަބުން އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މިހާރު އެގައުމުގެ އޮޑިޝާއާއި އުތުރުން ބެންގަލް ކޯސްޓަށް ވަނީ އޮރެންޖެ އެލާޓް ނެރެފަ އެވެ. އަދި ދެކުނު ބެންގަލް ކޯސްޓަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފަ އެވެ.
މީގެ އިތުރުން ބަންގަލްދޭޝްއާއި އިންޑިއާގެ މަސްވެރިންނާއި، ކަނޑުދަތުރު ކުރާފަރާތްތައް މިދުވަސްވަރު އެ ހިސާބުން ދަތުރު ނުކުރުމަށް ވަނީ އަންގައިފަ އެވެ.
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ބުދަ ދުވަހު ކުރާނެ ކަމަށް ބެލެވޭ އިރު ބަންގްލަދޭޝްއަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވުމާއި، ކިސަޑު ފޭބުމުގައި ރެެކޯޑް އޮންނަ ގައުމެކެވެ. އެހެން ކަމުން ބަންގަލްދެޝްގެ ރައްޔިތުން އެކަން ކަމަށް ސަމާލުވެ ތިބުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.
މިދިޔަ އަހަރުގެ މިދުވަސްވަރު ވެސް ވަނީ އިންޑިއާގެ ބެންގަލް ބޭގައި ވަރުގަދަ ތޫފާނެއް އުފެދި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ތޫފާން "ފަނީ" ގެ ސަބަބުން އެއް މިލިއަން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ސީދާ އަސަރު ކުރާނެ ކަމަށް ބެލެވުނު 10،000 ވިލެޖާއި 52 އަވަށުގެ މީހުން ވަނީ 900 ވަގުތީ ހިޔަލަށް ބަދަލުކޮށްފައެވެ.
ތޫފާން ފަނީ އަކީ 1999 ވަނަ އަހަރަށް ފަހު އިންޑިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެފަހަރު އެރި ތޫފާނުގައި އިންޑިއާއިން ވަނީ 10،000 މީހުން މަރުވެފައެވެ.
އިންޑިއާގައި އާއްމުކޮށް ތޫފަން އަރާ ދެ ސީޒަނެއް އޮވެއެވެ. އެއީ އެޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.