17 May 2020, 09:41
ވޮޝިންޓަން (މެއި 17): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުގެ އިންސްޕެކްޓާ ޖެެނެރަލް ސްޓީވް ލިނިކް މަގާމުން ދުރުކުރައްވައިފި އެވެ.
އެމެރިކާގެ ނޫސްތަކުގައިވާ ގޮތުން ހުކުރު ދުވަހު ރައީސް ޓްރަމްޕް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ލިނިކް މަގާމުން ދުރު ކުރައްވަނީ އޭނާއަށް އިތުބާރު ނުކުރެވޭތީ ކަމަށް ވިދާޅުވެފަ އެވެ.
"އިންސްޕެކްޓާ ޖެނެރަލްގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް އަޅުގަނޑަށް ފުރިހަމައަށް އިތުބާރު ކުރެވެން ޖެހޭނެ. ނަމަވެސް މި އިންސްޕެކްޓާ ޖެެނެރަލަށް އެފަދަ އިތުބާރެއް ނެތް،" ރައީސް ޓްރަމްޕްގެ ސިޓީގައިވެ އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވި ފަހުން ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ފޮރިން އެފެއާޒް ކޮމިޓީން ވަނީ ލިނިކް މަގާމުން ދުރު ކުރި އިރު އޭނާ ވަނީ ސެކްޓެރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ ތަހުގީގެއް ފައްޓަވާފައި ކަމަށް ބުނެފަ އެވެ. އަދި ބައެއް އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ވަނީ އެއީ ޕޮމްޕިއޯ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވާ، މުވައްޒަފުން ލައްވާ އޭނާގެ އަމިއްލަ ކަންތައްތައް ކުރުވާތީ ކަމަށް ތުހުމަތުކޮށްފަ އެވެ.
ލިނިކް އަކީ ސްޓޭޓް ޑިޕާޓްމެންޓުގެ ހަރަދުތަކާއި ހިންގުން ބެލެހެއްޓުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ އައްޔަން ކުރެއްވި ބޭފުޅެކެވެ.
ރައީސް ޓްރަމްޕް ވަނީ އެމެރިކާ ސަރުކާރު ޒިންމާދާރު ކުރުވަން އައްޔަންކޮށްފައިވާ މިނިވަން ފަރާތްތައް މީގެ ކުރިންވެސް މަގާމުން ދުރު ކުރައްވާފަ އެވެ. އެގޮތުން މިދިޔަ މަހު އެ ސަރުކާރުން ވަނީ އިންޓެލިޖެންސް ކޮމިއުނިޓީގެ އިންސްޕެކްޓާ ޖެނެރަލް މައިކަލް އަޓްކިންސަން މަގާމުން ދުރުކޮށްފަ އެވެ. އޭނާއަކީ ރައީސް ޓްރަމްޕްގެ އިމްޕީޗްމެންޓަށް މަގުފަހި ކުރި ވިސުލްބްލޯވާއާ ބެހޭ ގޮތުން ކޮންގްރެސްއަށް ފުރަތަމަ އެންގި ފަރާތެވެ.