ފަސޭހަ ކަމާއި އެކު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ އެކު ދިރިއުޅެން ފަށާއިރު އެކަކުގެ ފޯނުގައި އަނެކަކު އަތްލައި ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ފަރުވާއެއް ބޭހެއް އަދި ހޯދިފައި ނުވާ ކޮވިޑް-19 އިން ފެތުރުން ހުއްޓުވައި އެ ބަލިން ރައްކާތެރިވުމުގެ އެންމެ މޮޅު "ފަރުވާ" އަކީ ގައިދުރުކަން ބަހައްޓައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި އިރުޝާދުދެމުންނެވެ.

އެ ބަލި ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެން ފެށި ފަހުން މިހާރު މި ވަނީ މަހަކަށް ވުރެން ގިނަ ދުވަސް ވެފަ އެވެ. މުޅި ރާއްޖެ އާއި ވެރި ރަށް މާލެ ލޮކްޑައުން ކޮށްފައި އޮތުމުން އިގްތިސާދު ހުއްޓި ރައްޔިތުންނަށް ވެސް ވަނީ ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެން ކަމުން ސަރުކާރުން ތައްޔާރުވަމުން އަންނަނީ ފުރަބަންދުން ގައުމު ނަގައި ކޮވިޑާއި އެކު ރައްޔިތުން އުޅޭނެ ގޮތުގެ އިރުޝާދީ ދީ އެކަމަށް ތައްޔާރު ކުރަމުންނެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެ މީހަކު ގެންގުޅޭ ފޯނަކީ ވަރަށް ގިނައިން އަތްލާ އެއްޗެއް ކަމަށާއި އަދި އޭތި ސާފު ކުރުން ގިނަ ފަހަރަށް ހަނދާން ވެސް ނެތޭ ކަމަށެވެ.

"ނިއު ނޯމަލްގައި ފޯނު ގެންގުޅުއްވާނީ އެމީހެއްގެ ފޯނު އެ މީހަކު. އެއްވެސް މީހަކާ ހިއްސާއެއް ނުކުރާނެ. ހާއްސަގޮތެއްގައި ވަރަށް ގިނައިން އަޅުގަނޑުމެނަށް ކުރެވޭ ކަމެއް އެއީ އަޅުގަނޑުމެން ގެންގުޅޭ ފޯނު ކުޑަކުދިން އަތަށް ދިނުން. އެއީ އެކުދިން ވެސް ބައެއްފަހަރު ނަގާވެސް ފާނެ އެހެން ތަނަކު އޮވެއްޖިއްޔާ. އެހެން ނަމަވެސް ނިއު ނޯމަލްގައި މަސައްކަތް ކުރާއިރު ފޯނު ފަދަ ތަކެތި. އެއީ ފޯނަކީ ވަރަށް ގިނައިން އަޅުގަނޑުމެން އަތްލާ އެއްޗެއް އަދި ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން ހަނދާން ނެތިފައި ހުރެދާނެ އޭތި ސާފުކޮށްލަން ވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ފޯނުގެ އިތުރުން ވެސް އެކަކު ގެންގުޅޭ އެއްޗެހި އަނެކަކު ބޭނުން ކުރުން ވީހާ ވެސް މަދު ކުރުމަށް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފަ އެވެ. އަދި ވިދާޅުވީ، ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހަކާ ވެސް ތިން ފޫޓް ދުރުގައި ހުރެ ބައްދަލު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ލޮކްޑައުން ދޫކޮށްލާއިރަށް އަނެއްކާ ވެސް އެންމެން ވެސް އިހެކޭ އެއްފަދައިން މަގުމަތީގައި އުޅެން ފަށާނެ. އެހެންވީމަ އެކަން އެބަޖެހޭ ނިއު ނޯމަލްއަކަށް ދާއިރު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ކޮންޓްރޯލެއް ގެންނަން. އެއީ ނިއު ނޯމްލަގައި އަޅުގަނޑުމެން ތިބެން ޖެހޭ ދެ ތިން މަސް ނޫނީ އެއަށްވުރެން ވެސް ދިގު މުއްދަތެއް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ފުރަބަންދުން ރައްޔިތުން ދޫކޮށްލުމުން މި ބަލި އިތުރަށް ފެތުރި ގިނަ ބަޔަކަށް ނުޖެހި ސަލާމަތްވާނީ ނިއު ނޯމަލްއެއްގައި އުޅެގެން ކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.