ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެއް މަސް ނުފުރޭ ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށް އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ ކުއްޖާއަކީ ބަލި ޖެހިފައިވާ އެހެން މީހެއްގެ ކޮންޓެކްޓެއް ކަމަށެވެ.

"އެ ކުއްޖާ ޓެސްޓުކުރީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް [ފަހުން ޕޮޒިޓިވްވި އިންޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވި] ހުރީ މި ކުއްޖާއާ ކޮންޓެކްޓްވެފައި. ދެން އެކުއްޖާގެ ފަރާތުން ކޮންމެވެސް ވަރަކަށް އަލާމާތްތައް ފެނުމާއެކު ޓެސްޓުކުރީ. ޓެސްޓުކުރީ ފުރަތަމަ އެ ކުއްޖާ އެކަނި. މިހާރު އެކުއްޖާގެ މަންމަ ޓެސްޓުކުރުމުގެ ކަންތައް ވެސް ކުރިއަށް އެބަދޭ." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް19އަށް ޕޮޒިޓިވްވެފައި ވަނިކޮށް ސިޒޭރިއަން ހެދި މީހާގެ ދަރިފުޅު ވަނީ ވައިރަހަށް ނެގެޓިވް ވެފަ އެވެ. އަދި މީގެ ކުރިން ހަތް މަހުގެ ކުއްޖަކު ވެސް ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެކުއްޖާގެ އާއިލާ މެމްބަރުން ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް19އަށް 1078 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު، 59 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.