ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށް، ސިޒޭރިއަން ހަދި މީހާގެ ދަރިފުޅު ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި މާބަނޑު ދެ މީހަކު ހިމެނެ އެވެ. އޭގެ ތެރެއިން އެކަކު މިދިޔަ އަންގާރަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ވަނީ ސިޒޭރިއަން ހަދާފައެވެ.

މިރޭ ދަރުބާރުގޭ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ މާބަނޑު މީހާގެ ދަރިފުޅު ކޮވިޑް19އަށް ނެގަޓިވްވެފައިވާކަމަށެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު ބުނީ، ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ދަރިފުޅުވެސް މިހާރު ޑިސްޗާޖް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަންހެންމީހާއާ ކޮންޓެކްޓްވި އެންމެން ވައިރަހަށް ނެގަޓިވްވެފައިވާތީ، އާއިލާ އިން ވަނީ އޭނާ ދެވަނަ ޓެސްޓެއް ހެދުމަށް އެދިފައެވެ. އެއީ އޭނާގެ ފިރިމީހާއާއި ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންވެސް ވައިރަހަށް ނެގަޓިވްވެފައިވާތީ، އެ ޓެސްޓްގެ ނަތީޖާ ފޯލްސް ޕޮޒިޓިވްވުމުގެ ފުރުސަތު އެބައޮތް ކަމަށް އާއިލާ އިން ބުނެއެވެ.

މީގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އަންހެން މީހާގެ ދެވަނަ ޓެސްޓެއް ކުރާނީ 14 ދުވަހަށް ފަހު ކަމަށެވެ.

އޭނާ އެންމެ ފުރަތަމަ ވިހެއުމަށްޓަކައި އައިޖީއެމްއެޗަށް ގެނެސް އެޑްމިޓް ކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. އަދި އޭނާ ޕޮޒިޓިވް ކަން އެނގުނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ފަހުން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. ސާދަ ދުވަސް ހަމާވާނީ މިމަހުގެ 19 އަށެވެ.

ސިޒޭރިއަން ހެދި އަންހެން މީހާގެ ދަރިފުޅު ވައިރަހަށް ނެގަޓިވްވި އިރު، އެއް މަސް ނުވާ އެހެން ކުޑަ ކުއްޖަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަން މިރޭ ޑރ. ނަޒްލާ ވިދާޅުވިއެވެ. ކުޑަ ކުއްޖާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވެފައިވާ އެހެން ކޭސްއަކާ ގުޅިގެން ކަމަށާއި މިހާރު ކުއްޖާގެ މަންމަގެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ހަތް މަހުގެ ކުޑަ ކުއްޖަކުވެސް ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ ކުއްޖާއާއެކު އެއާލާގެ އެހެން މެމްބަރުންވެސް ވަނީ ވައިރަހަށް ޕޮޒިޓިްވެވައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ އެއްހާހަށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެ، 59 މީހަކު ރަނގަޅުވެފައެވެ. ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، ހަތެރެކެވެ.