25 Dec 2011, 22:57
ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސެއިން ސިވިލް ކޯޓަށް ބަދަލު ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިރޭ ވިދާޅުވީ ޔޫސުފު ސިވިލް ކޯޓަށް ބަދަލުކުރައްވާފައި ވަނީ އޭނާ އަމިއްލަ ފުޅަށް އެދިވަޑައިގަތުމުން ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށެވެ.
"ޔޫސުފްގެ އަމިއްލަފުޅަށް އެދިވަޑައިގަތުމުން ޔޫސުފް ހުސެއިން ސިވިލް ކޯޓަށް ބަދަލުކުރެއް ވުމަށް
ޖޭއެސްސީން ނިންމެވީ. އެގޮތަށް ޖޭއެސްސީން ނިންމަވާފައި ވަނީ ބުރާސްފަތި ދުވަހު،" ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޔޫސުފް މަސައްކަތް ކުރައްވާނީ ސިވިލް ކޯޓުގައި ކަމަށެވެ.
ޔޫސުފް އަކީ އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.