16 May 2020, 23:23
އިނގިރޭސިވިލާތުގެ ގައުމީ ޓީމަށާއި، އާސެނަލަށް ކުރިން ކުޅުނު ކެނީ ސެންސޮމްގެ ބަލި ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
އުމުރުން 61 އަހަރުގެ ކެނީ ހޮސްޕިޓަލުގައި މިއަދު އެޑްމިޓްކޮށްފައިވާކަން އޭނާގެ ޓްވިޓާ އެކައުންޓުގައި ވެސް ހާމަކޮށްފައިވާ އިރު އެޑްމިޓް ކުރީ ކޮން ބައްޔެއްގައި ކަމެއް ނުބުނެ އެވެ. ނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އަށް އޭނާ ޕޮޒިޓިވް ނޫންކަން އާއިލާއިން ބުނެފައިވެ އެވެ.
"ކެނީ މިވަގުތު އަންނަނީ ހޮސްޕިޓަލުގައި ބައްޔަކަށް ފަރުވާ ހޯދަމުން. އެކަމަކު އެ ބައްޔަކީ ކޮވިޑް-19 އެއް ނޫން." ސެންސޮމްގެ ޓިވްޓާ އެކައުންޓުން އާއިލާއިން ބުނެފައިވެ އެވެ.
ސެންސޮމްގެ އާއިލާއިން ބުނީ، މިވަގުތު އޭނާގެ ބައްޔާ މެދު އެއްވެސް ވާހަކައެއް ހިއްސާ ކުރަން ބޭނުން ނުވަނީ ކެނީގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
ސެންސޮމް އަކީ 1970 އަދި 1980ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގެ ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އައި ހުނަރުވެރި ޑިފެންޑަރެކެވެ. އެގޮތުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް ޖުމުލަ 86 މެޗު އޭނާ ވަނީ ކުޅެދީފަ އެވެ.
އޭނާގެ މުޅި ފުޓުބޯޅަ ހަޔާތް ކަހަލަ ގޮތަކަށް ހޭދަކޮށްފައި ވަނީ އެގައުމުގެ މަޝްހޫރު ކްލަބް އާސެނަލުގަ އެވެ. އޭނާ ވަނީ އެކުލަބަށް ޖުމުލަ 400 އަށް ވުރެން ގިން މެޗު ކުޅެދީފަ އެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު އަދި ވެސް އޮތީ މެދުކެނޑިފަ އެވެ. މިދިޔަ މާޗު މަހު ލީގުގެ ކުޅުން ހުއްޓާލި އިރު އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް މިހާރު ވަނީ ކޮންމެސް ވަރަކަށް ދޫދޭން ފަށައިފަ އެވެ.
އެއާއެކު އަންނަ މަހުގެ ތެރޭގައި ލީގުގެ ކުޅުން އަލުން އަނބުރާ ފެށުމަށް ކުލަބުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.