ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ސިނަމާތަށް މުއްދަތެއް ނެތް ގޮތަކަށް ބަންދުކޮށްފައިވާތީ ބޮލީވުޑްގެ ހަތް ފިލްމެއް އޮންލައިންކޮށް ޕްރިމިއާ ކުރަން ނިންމާފައިވާކަން، ސްޓްރީމިން ހިދުމަތް ދޭ، އެމެޒޯން ޕްރައިމްއިން ބުނެފި އެވެ.

އިންޑިއާގެ ސިނަމާތައް އެންމެ އަވަހަށް ވެސް ހުޅުވޭނޭ ކަމަށް ބެލެވެނީ، ދީވާލީއާ ދިމާކޮށް އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެެއާ އެކު ބޮލީވޫޑްގެ ޕްރޮޑިއުސަރުން އަންނަނީ އެ މީހުންގެ ފިލްމްތައް އާންމުންނަށް ދައްކައިގެން ފައިދާ ހޯދުމަށް އާ މިސްރާބަކަށް ދަތުރު ކުރަމުންނެވެ.

ސިނަމާތަކުގައި މީގެ ކުރިން ޕްރައިމިއާ ކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެމެޒޯން ޕްރައިމްއިން އޮންލައިންކޮށް ޕްރިމިއާ ކުރާނެކަން އިއުލާން ކުރި ފިލްމުތަކުގެ ތެރޭގައި "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވި ކުރީގެ ހިސާބު އިލްމުވެރިތާ ޝަލުންތަލާ ދޭވީގެ ހަޔާތުގެ މައްޗަށް ތައްުޔާރުކޮށްފައިވާ ބަތަލާ ވިދްޔާ ބާލަން ފެނިގެންދާ "ޝަނުންތަލާ ދޭވީ" އަދި އަމީތާބު ފެނިގެންދާ ޑައިރެކްޓަރު ޝޫޖިތު ސިރްކާރްގެ އާ ކޮމިޑީ ފިލްމު "ގުލާބޯ ސިޓާބޯ" ހިމެނެ އެވެ.

އެމެޒޯން ޕްރައިމް އިންޑިއާގެ ކޮންޓެންޑް ޑައިރެކްޓާ ވިޖާ ސުބްރަމާނިއަމް ވިދާޅުވި ގޮތުގައި މިއީ ބޮލީވޫޑްގެ ފިލްމް ޑައިރެކްޓަރުންގެ ވިސްނުމަށް އައި ވަރަށް ހެޔޮ ބަދަލެކެވެ. އަދި މިއީ ބޮލީ ވޫޑްގެއާ ޒަމާނެއް ފެށުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

"މިއީ ސިނަމާތަކަށް ނުވަދެވޭ މީހުންނަށް، މުޅިން އާ އޯޑިއަންސަކަށް އިންޑިއާގެ ފިލްމުތައް ގެންގޮސް ދޭނޭ ކަމެއް. މިއީ ޕްރޮޑިއުސަރުންގެ ވިސްނުން ޒަމާނީވާން ފެށުމެއް. މިއީ ބޮލީވޫޑްއަށް އަންނަ އިންގިލާބެއް،" ވިޖޭ ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ 9،500 އަށް ވުރެ ގިނަ ސިނަމާތައް ވަނީ ބަންދުކޮށްފަ އެވެ. މިފަހަކަށް އައިސް، އިންޑިއާގައި އޮންލައިން ސީރީޒްތަކުގެ މަގުބޫލްކަން ބޮޑުވެ، އޭގެން ލިބޭ އާމްދަނީ ވެސް އެތައް ތަނަކުން ވަނީ ރަނގަޅުވެފަ އެވެ.

އެހެން ނަމަވެސް، ބޮޑެތި ފިލްމުތައް އެންމެ ފުރަތަމަ ދައްކަނީ ސިނަމާގަ އެވެ. އަދި އެގޮތުން އާމްދަނީ ހޯދުމަށް ފަހު ފަހު ތާރީހުތަކެއްގައި އޮންލައިންކޮށް ވެސް ދައްކަ އެވެ. އެހެން ނަމަވެސް މިހާ ބޮޑެތި ފިލްމުތަކެއް އޮންލައިންކޮށް ޕްރިމިއާ ކުރާ މިއީ ފުރަތަމަ ފަހަރެވެ.