ދިރާގުގެ ނެޓްވޯކް ޒަމާނީކޮށް އަވަސް ކުރުމުގެ ގޮތުން އެ ކުންފުނިން ފެށި 22 މިލިއަން ޑޮލަރު(339.2 މިލިއަން ރުފިޔާ)ގެ ސަބް މެރިން ކޭބަލްގެ މަސައްކަތް ދިރާގުން މިއަދު ނިންމާލައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ރާއްޖޭގެ އުތުރު، ކުޅުދުއްފުށިން 1200 ކިލޯ މީޓަރުގެ ދިގު ސަރަހައްދެއްގައި ކަނޑުގެ އަޑިން އަޅަން ފެށި ސަބްމެރިން ކޭބަލް މިއަދު ވަނީ އެންމެ ފަހުގެ ލޭންޑިން ސްޓޭޝަން، އެންމެ ދެކުނުން ސ. ހިތަދު އަށް ގެންގޮސް ކޭބަލް އެޅުން ނިންމާލައިފަ އެވެ.

ތިން ހަފުތާއެއްހާ ދުވަހުން ނިންމި އެ މަސައްކަތާ ބެހޭ ގޮތުން ދިރާގުން ބުނީ ގާތްގަނޑަކަށް ނުވަ ރަށެއްގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަތަކަށް އެ ކޭބަލް ގެންދެވިފައިވާ ކަމަށެވެ.

އެއީ ކުޅުދުއްފުއްޓާއި ހިތަދޫގެ އިތުރުން ބ. އޭދަފުއްޓާއި ހުޅުމާލެ، އދ. ދަގެންޗާއި ލ. ގަމާއި ގދ. ގައްދޫ އަދި ފުވައްމުލަކެވެ.

ދިރާގުން ބުނީ ކޭބަލް އެޅުން ނިމުމުމާ އެކު ދެން ކުރިއަށް ދާނީ ކޭބަލް މައި ނެޓްވޯކާ ގުޅާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

އެ މަސައްކަތްތައް ނިމި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭގެ ހިދުމަތް ދެވޭނެ ކަމަށް ދިރާގުން ލަފާކުރެ އެވެ.