ބަންގަލަދޭޝް ސަރުކާރުން ރާއްޖެ އަށް ގާތްގަނޑަކަށް 10 ޓަނުގެ ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް އިކުއިޕްމަންޓް ހަދިޔާ ކޮށްފި އެވެ.

ބަންގަލެދޭޝް އިން މީގެ ކުރިން ވެސް ވަނީ ރާއްޖެ އަށް 100 މެޓްރިކް ޓަނުގެ ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ހަދިޔާ ކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް، މުގު، އަލުވި، ކުކިންގް އޮއިލް، ބަރަބޯ، ކަރާ، ތޮރާ އަދި އަލަނާސިއެވެ.

އޭގެ އިތުރުން އެ ފްލައިޓުގައި ރާއްޖެއަށް ބޭހާއި ބައެއް މެޑިކަލް އިކުއިޕްމަންޓުވެސް ބަންގްލަދޭޝުން ފޮނުވިއެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންގެ ދީލަތިކަމާއި ހިތްހެޔޮކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާއި ފޮރިން މިނިސްޓަރު އޭކޭއޭ އަބްދުލް މޫމިންއަށާއި ބަންގްލަދޭޝްގެ އެއާފޯސްއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އައި އަސްކަރިއްޔާގެ ފްލައިޓުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ ގައުމަށް ފޮނުވާލާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ކުރިއަށްދަނީ ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.