މިއަދުގެ މިހާތަނަށް 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މިއަދު ޕޮޒިޓިވްވި 47 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 22 މީހަކާއި، ހަތަރު އިންޑިއާ މީހުންގެ އިތުރުން ނޭޕާލްގެ ދެ މީހެއް ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު އެކަމުގެ ނުރައްކާ އެންމެ ބޮޑީ ވެރިރަށް މާލެ އަށެވެ. މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ވެސް މާލެ އިންނެވެ.

އެހެންކަމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮންނަތާ މިހާރު މަސް ދުވަހަށް ވުރެން ގިނަދުވަސް ވަނީ ވެފައެވެ. މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާ އިރު، ފިޔަވަޅުތައް ވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ނަމަވެސް ސަރުކާރުގެ މަސައްކަތް ކުރަމުން އަންނަނީ ލޮކްޑައުން ވީއްލާލައި "ނިއު ނޯމަލް"ގައި އުޅުމަށް ދޫކޮށްލުމަށެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 46 އެވެ. އަދި ބަލި ޖެހިގެން ހަތަރު މީހަކު މަރުވެފައިވެއެވެ.