16 May 2020, 17:15
ވޮޝިންޓަން (15 މޭ 2020) : ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ" އާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ވިސްނުމަށް ބަދަލުތަކެއް ގެންނެވުމަށް ފަހު އެޖަމްއިއްޔާއަށް މާލީ އެހީގެ ބައެއް ދިނުމަށް ޓްރަމްޕް ނިންމަވައިފި އެވެ.
ވައިޓް ހައުސް އާ ހަވާލާދީ ފޮކްސް ނިއުސް ބުނާގޮތުން ޓްރަމްޕް މިހާރުވަނީ ޗައިނާއިން ޑަބްލިޔޫއެޗްއޯ އަށް ދޭވަރުގެ މާލީ އެހީއެއް އެމެރިކާ އިން ވެސް ދިނުމަށް ނިންމަވައި އެކަމާބެހޭ ލިޔުމެއްގައި ސޮއިކުރައްވައި އެމެރިކާގެ މާލީ ވުޒާރާއަށް ފޮނުއްވައިފަ އެވެ.
ޗައިނާއިން އަހަރެއްގެ މައްޗަށް ޑަބްލިޔޫއެޗްއޯ އަށް ދޭ ކަމަށް ވަނީ 60 މިލިޔަން ޑޮލަރުގެ އެހީއެކެވެ. އެމެރިކާއިން އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރުގެ އެހީއެއް ކުރިން އެޖަމްއިއްޔާއަށް ދެމުން ގެންދިއަ އެވެ. ނަމަވެސް ކޮރޯނާވައިރަސް ކޮވިޑް-19 އެމެރިކާގައި އާދަޔާ ޚިލާފަށް ފެތުރި އެމެރިކާއިން ގިނަ އަދަދަށް މީހުން މަރުވާން ފެށުމުން އެކަމާ ކޯފާވެގެން ޓްރަމްޕް ވަނީ ކޮވިޑް-19 ފެތުރުނީ ޑަބްލިޔޫއެޗްއޯގެ އިހުމާލުންކަމަށް ވިދާޅުވެ އެޖަމްއިއްޔާއަށް ކުށްވެރި ކުރައްވައި ބަހުގެ ހަމަލާތައް ދެއްވާފައެވެ.
އަދި އެމެރިކާއިން ޑަބްލިޔޫއެޗްއޯ ދޭ މާލީ އެހީ ކަނޑާލާނެކަމުގެ އިންޒާރު ދެއްވުމަށް ފަހު މި މޭމަހުގެ 14 ވަނަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާ ޑަބްލިޔޫއެޗްއޯ އަށް ދެމުން ގެންދިޔަ މާލީ އެހީ އެއްކޮށް ކަނޑާލައްވާފައެވެ.
އެހީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުން ޓްރަމްޕް، ޑަބްލިޔޫއެޗްއޯ ގެ މައްޗަށް ކުރެއްވި ތުހުމަތު ތަކުގެ ތެރޭގައި އެޖަމްއިއްޔާއިން ޗައިނާއަށް ތައުރީފް ކުރާކަމަށް ތުހުމަތު ކުރެއްވުމާއި ޗައިނާ ގެ ޕީއާރު ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރާކަމަށް ކުރެއްވި ތުހުމަތު ހިމެނެއެވެ.
ޑަބްލިޔޫއެޗްއޯ އިންވަނީ ޓްރަމްޕްގެ ތުހުމަތުތައް ދޮގުކޮށް އެޖަމްއިއްޔާގެ މަސައްކަތްތައް ސިޔާސީ ކުރަން މަސައްކަތް ނުކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފަގީރުގައުމުތަކަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޑަބްލިޔޫއެޗްއޯ އަށް ޖެހިފައިވާ މިދަނޑިވަޅުގައި އެމެރިކާއިން އެހީ ކަނޑާލުމުން އެމެރިކާގެ އިދިކޮޅު ފަރާތްތަކުންނާ އަދި ދުނިޔޭގެ ބައެއް ގައުމުތަކުންވަނީ އެމައްސަލާގައި ފާޑުކިޔާފައެވެ.
މިއާއެކު ޗައިނާއާއި އިނގިރޭސިވިލާތުންވަނީ ޑަބްލިޔޫއެޗްއޯއަށް އިތުރު އެހީތައް ދީފައެވެ. އިތުރު އެހީގެ ގޮތުގައި އިނގިރޭސިވިލާތުން 68 މިލިޔަން ސްޓާލިންގް ޕައުންޑް ދިންއިރު ޗައިނާއިން އިތުރު 30 މިލިޔަން ޑޮލަރު ޑަބްލިޔޫއެޗްއޯއަށް ދީފައިވެއެވެ. (ފޮކްސް ނިއުސް + ނޫސްއެޖެންސީތައް)