ރ.ދުވާފަރުގައި، ކުޑަކުދިންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގަމުންދިޔަ ފިރިހެނަކު 15 އަހަރަށް ޖަލަށްލުމަށް އެ އަތޮޅު އުނގޫފާރު ކޯޓުން ހުކުމް ކޮށްފި އެވެ.

އުނގޫފާރު ކޯޓުން ދުވާފަރު އައިލްގްރީން އަހުމަދު އަމީންގެ މައްޗަށް މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާ އެއްޖިންސުން ގުޅުން ހިންގިކަން އަމީންގެ މައްޗަށް ސާބިތު ވާތީ 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

ދުވާފަރުގައި ކުޑަ ދެ ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގިކަން ސާބިތު ވެގެން މިއަހަރުގެ ޖެނުއަރީ މަހުތެރޭ ވެސް އަމީން ވަނީ މުއްދަތެއް ނެތް ގޮތަށް ގޭބަންދު ކޮށްފަ އެވެ.

އަދި އަމީންގެ މައްޗަށް މިފަހަރު 15 އަހަރަށް ޖަލަށް ޖުލަމަށް ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ބޮޑުއީދު ތެރޭ ކުޑަކުދިންތަކާއެކު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތު ވެގެން ނެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން ކުޑަކުދިންނާ އެއްޖިންސުން ގުޅުން ހިންގާ މައްސަލަ ތަކުރާރުކޮށް އެރަށު މީހުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އޭނާ ހައްޔަރު ކުރާ ކޮންމެ ފަހަރަކު އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް އާއިލާއިން ބުނެ، ހޮސްޕިޓަލުގެ ލިޔުމެއް ހުށަހަޅައިގެން އަމީން ދިފާއު ކުރެ އެވެ.