16 May 2020, 15:21
މިވަގުތަށް ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ފައިސާ އެބަހުރި ކަމަށާއި މިވަގުތުގެ ރަދުތަކަށް ފައިނޭންސް ކުރުމަށް ދަތިތަކެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީއިން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީއިން ދަރުބާރުގޭ އެންއޯއީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ މިވަގުތުން ވަގުތަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ފައިސާ އެބަހުރި ކަމަށާއި ހާސްވާ ހިސާބަށް ކަންކަން ނުދާ ކަމަށެވެ.
"ފައިނޭންސިން ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއިން ދަނީ ކުރަމުން. އެހެން ގޮތްގޮތްވެސް އެބަ ހުރި ހޯދެން. ފައިނޭންސިންއަކީ މިއަދަކު އެއްފަހަރާ ބޭނުންވާނެ އެއްޗެއް ނޫން. މިއަދު އަދާ ކުރަން ޖެހޭ ބިލުތައް އަދާ ކުރަން އެ މިންވަރަށް އެބަ ހުރި ފައިސާ،" ސަރުވަޝް ވިދާޅުވި އެވެ.
އެހެން ނަމަވެސް، ދައުލަތުގެ އާމްދަނީ ދަށްވުމާ އެކު ކުރިއަށް އޮތްތަނުގައި ހުރި ހަރަދުތަކަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން ހޯދަން މަސައްކަތް ކުރަމުންދާ 200 މިލިއަން ޑޮލަރެއްހާ ފައިސާއިން ނުފުދޭނެކަން އޭނާ ތަކުރާރުކުރެއްވި އެވެ. އަދި ވިދާޅުވީ، އާމްދަނީއަށް އަންނަ ބަދަލާ އެއްގޮތަށް ހަރަދުތައް އަދިވެސް ކުޑަކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.
"ފައިސާ ނެތިގެންނެއް ނޫން މި އުޅެނީ. ފައިސާ ހޯދަން މަސައްކަތް ކުރަން ޖެހޭކަން އަޅުގަނޑު ހައިލައިޓު ކުރީ. ދައުލަތުގެ ކަންކަން ރޭވިފައި ހުރީ ރަނގަޅަށް. އަދި މާ ބޮޑަށް ހާސްވާ ހިސާބަކަށް ދާކަށް ނުޖެހޭ،" ސަރުވަޝް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވިދާޅުވީ، މިހާރުން މިހާރަށް ބޭނުންވާ ވަރަށް ފައިސާ އެބަ ހުރި ކަމަށެވެ. އެއްވެސް އިރެއްގައި ފައިސާ ނެތިގެން އުޅޭ ކަމަށް ވިދާޅުނުވާ ކަމަށް އަމީރު ވިދާޅުވި އެވެ. ދައްކަވަމުން ގެންދަވަނީ ބަޖެޓުގައި ލަފާ ކުރި ގޮތާ ހިލާފަށް ދައުލަތަށް ލިބޭނެ އާންމުދަނީ 15.8 ބިލިއަން ރުފިޔާއަށް ކުޑަވާތީ އެކަން ފޫބައްދަން އެކި ގޮތް ގޮތުން ފައިނޭންސިން ހޯދަން ޖެހޭ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި މި ޕްރެސް ކޮންފަރެންސް ފެށިއިރުވެސް މި ފާހަގަ ކުރީ އަޅުގަނޑުމެން ފައިސާ ނެތިގެނޭ މި އުޅެނީ. އެގޮތަކަށް ނޫން،" އަމީރު ވިދާޅު ވިއެވެ. "ނޯމަލް ބަޖެޓެއްގައިވެސް 38 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅާފައި އަޅުގަނޑުމެން އެ ބަޖެޓުގައިވެސް އެބައިން ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް. އެ ފައިނޭންސިން އެ ފައިނޭސިން އަޅުގަނޑުމެެން ހޯދަން ޖެހޭ ވާހަކަ އޭގައިވެސް އަޅުގަނޑުމެން ހިމަނާފައިވާނެ."