ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް މިހާތަނަށް 814 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި، އޭގެ 72 ޕަސެންޓު (586 މިލިއަން ރުފިޔާ) ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ މެޑިކަލް ކޮންސިއުމަބަލްސް އާ ކެޕިޓަލް އިކުއިޕްމަންޓްސް ހޯދުމަށް ކަމަށެވެ.

މެޑިކަލް ކޮންސިއުމަބަލްސްގެ ވެސް ގާތްގަނޑަކަށް 86 ޕަސެންޓު ޕްރޮކިއާ ކުރަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެސްޓީއޯ އާ އެއްކޮށް ޑިޒާސްޓާ މެނޭޖްމަންޓް ޓްރަސްޓް ފަންޑެއްގައި ސޮއިކޮށްގެން ސްޓޭޕަލްސްގެ ބަފަރ ސްޓޮކެއް މެއިންޓެއިން ކުރުމަށް، އެސްޓީއޯއަށް ގާތްގަނޑަކަށް 84 މިލިއަން ރުފިޔާ ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ވީހާ ކުޑަ އަގެއްގައި ކަންކަން ކުރެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ސޮވެރިން ގެރެންޓީ ދީގެން އެސްޓީއޯ އަށް އައިޓީއެފްސީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެސްޓީއޯ މެދުވެރިކޮށް ކުރާތީ، ސްޓޭޓް އިންޓާނަލް އޮޑިޓުން އެސްޓީއޯގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީސީބީ މެދުވެރިކޮށް، އެސްޓީއޯގެ އިންޓާނަލް އޮޑިޓުން ވެސް ޕްރޮސެސް ހިނގަނީ ރަނގަޅަށްތޯ ބަލަން އަންގާފައިވާނެ ކަމަށެވެ.