16 May 2020, 15:45
ދިއްލީ (މެއި 16): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ރޭ ދެ ލޮރީ އެކްސިޑެންޓުވެ، 24 މީހަކު މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ދެ ލޮރީގައި ތިބީ ބޮޑެތި ސިޓީތަކުގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް ފުރަބަންދުގެ ސަބަބުން ވަޒީފާ ގެއްލުމުން، އަމިއްލަ އަވަށަށް ދިޔުމަށް ދަތުރު ކުރަމުން ދިޔަ މީހުންނެވެ. އެގޮތުން ދެ ލޮރީގައި ތިބީ ދިއްލީ އާއީ ރާޖަސްތާނުން އެހެން ސްޓޭޓުތަކަށް ދަތުރު ކުރަމުން ދިޔަ މީހުން ކަމަށާއި އެކްސިޑެންޓުވި އިރު އެއް ލޮރީ އޮތީ ޕާކުކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެންޑީޓީވީން ރިޕޯޓު ކުރި ގޮތުގައި އެކްސިޑެންޓުވި އިރު ދަތުރު ކުރަމުން ދިޔަ ލޮރީގައި ހުރީ ޕުޓީ ބަސްތާތައް އަރުވާފަ އެވެ. އަދި އެ ލޮރީގައި މީހުން ތިބީ ބަސްތާތަކުގެ މަތީގައި އިށީނދެގެން ކަމަށާއި، އެކްސިޑެންޓުވުމުން އެމީހުން ވިއްސައިގެން ދިޔަ ކަމަށް އެ ނޫހުގައިވެ އެވެ.
އެ ހާދިސާ ހިނގި އައުރައިޔާ ޑިސްޓުރިކްޓުގެ ފުލުސް އޮފިސަރަކު ވިދާޅުވި ގޮތުގައި ޕާކުކޮށްފައި އޮތް ލޮރީގައި ދަތުރު ކުރަމުން ދިޔަ މީހުން އެކްސިޑެންޓުވި އިރު ތިބީ އެތަނުގައި ސައިބޯން މަޑުކޮށްގެންނެވެ. އޭނާ ލަފާ ކުރައްވާ ގޮތުގައި އެ ހާދިސާ ހިނގީ ފުރަތަމަ ލޮރީގެ ޑްރައިވަރަށް ނިދުމުންނެވެ. އަދި އެ ހާދިސާގައި ދެ ލޮރީވެސް ފުރޮޅާލި އެވެ.
އެ އެކްސިޑެންޓުގައި 24 މީހަކު މަރުވުމުގެ އިތުރުން 30އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.
އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މާޗް 24ގައި އިއުލާންކޮށް ހޯމަ ދުވަހާ ހަމަޔަށް އިތުރުކޮށްފައިވާ ފުރަބަންދުގެ ސަބަބުން އެގައުމުގެ ބޮޑެތި ސިޓީތަކުގައި ނުރަސްމީ ވަޒީފާތައް އަދާ ކުރަމުން ދިޔަ އެތައް މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި އެ މީހުން އަނބުރާ އަމިއްލަ އަވަށްތަކަށް ގެންދަން ސްޓޭޓްތަކުން ބަހާއި ރޭލުތައް ބޭއްވި ނަމަވެސް އެ އުޅަނދުތަކުން ޖާގައެއް ނުލިބުމާއި ދަތުރަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ގިނަ އަދަދެއްގެ މީހުން ދަނީ ފައިމަގުގައި ދުރު ރާސްތާތަކަށް ދަތުރު ކުރަމުންނެވެ.
އެފަދަ ދަތުރުތަކުގައި މީގެ ކުރިންވެސް އެކްސިޑެންޓުތައްވެ، މީހުން މަރުވެފައިވެ އެވެ. އެގޮތުން މަހާރަޝްތުރާ ސްޓޭޓުގައި ފައިމަގުން ދަތުރު ކުރަމުން ދިޔަ ބަޔަކު ރޭލު ދަގަނޑުތަކެއް މަތީ ނިދާފައި ތިއްބާ، މުދާ އުފުލާ ރޭލަކުން ޖެހި 16 މީހަކު މަރުވި އެވެ.
އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ޗައިނާއަށް ވުރެ އިތުރުވެ، 85,940އަށް އަރާފަ އެވެ. އަދި އެގައުމުގައި ބަލި ޖެހިގެން 2،752 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާއިން ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމާ، މިއަދު ނޫނީ މާދަމާ އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.