16 May 2020, 14:50
ރިލީފް ލޯނަށް އެދުނު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރެއިން، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެޕްލިކޭޝަން ބާތިލް ކުރި ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ރިލީފް ލޯނު ދޫކުރުމުގައި، މި ހާލަތާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވޭތޯ ބަލާނެއެވެ. ކޮވިޑް19 އާ ގުޅިގެން ދިމާވި ދަތިކަމުގެ ތެރެއިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާނަމަ، ލޯނަށް ޝަރުތު ހަމައެއް ނުވާނެއެވެ.
މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގަައި ކުރިއަށް ދިޔަ ނޫސްވެރިންްގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރިލީފް ލޯނަށް އެޕްލިކޭޝަން ހުށަހެޅު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތައް ހިމެނޭ ކަމަށެވެ. އެ އެޕްލިކޭޝަންތައް މިހާރު ވަނީ ރިޖެކްޓުކޮށްފައެވެ.
އެ ވިޔަފާރިތައް ލޯނު ޝަރުތު ހަމަނުވާ ކަމަށާއި އެހެން ނަމަވެސް މިއީ އެންމެނަށް ވެސް ދަތި ވަގުތަކަށް ވާތީ، އެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އެފަދަ ވިޔަފާރިިތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނިތަކުން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީ މުސާރައިގެ ގޮތުގައި މަދުވެގެން 5،000 ރުފިޔާ ދޭނަމަ، ލޯނަށް ޝަރުތު ހަމަވާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ.
"އެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި، ސަސްޕެންޑުކުރި ނުވަތަ މުސާރަ ދަށްކުރި މުވައްޒަފުންގެ ނިންމުން އަނބުރާ ގެންގޮސް މަދުވެގެން 5000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފި ކަމަށް ހަމަޖައްސަފިނަމަ އެ ކުންފުންޏަށް ނުވަތަ ވިޔަފާރިއަށް ލޯނަށް ޝަރުތުހަމަވާނެ ކަމަށް މިހާރު ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ވިޔަފާރި އަށާއި މުވައްޒަފުންނަށް ވެސް ފައިދާތަކެއް ވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ތަފްސީލީ ސާކިއުލާއެއް މިއަދު ނެރޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ މިހާތަނަށް އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، 83 ފަރާތަކަށް 109.6 މިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އެސްޑީއެފްސީ އިން މިހާތަނަށް 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ރިލީފް ލޯނު ދޫކުރަނީ، އަހަރަކު ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ، ހަ މަސް ފަހުން ކަމަށްވާއިރު، ލޯނު އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.