ރާއްޖެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ]އެމްޑީޕީ[ އާއި ދިވެހި ރައްޔިތުންގެ ޕާޓީ ]ޑީއާރުޕީ[ އިން މެންބަރުންތަކެއް ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އާންމު ހިސާބުތަކުން ދައްކައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ މެންބަރުންގެ ރަޖިސްޓްރީން ދައްކާ ގޮތުން ސަރުކާރު ހިންގާ އެމްޑީޕީން ވަނީ މި މަހު 257 މެންބަރުން ވަކިވެފަ އެވެ. އަދި ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީ އިން ވެސް 1334 މެންބަރުން ވަކިވެފައިވާ ކަމަށް އެކޮމިޝަނުގެ ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން އެހެން ޕާޓީތަކުން ވެސް މެންބަރުން މަދުވެފައިވީ ނަމަވެސް އެންމެ ފަހުން އުފައްދާފައިވާ ޕީޕީއެމްގެ މެންބަރުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 11008 މެންބަރުން ކަމުގައިވީ ނަމަވެސް މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 13770 އަށް އަރާ ކަމަށް އިލެކްޝަނުން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ.

ސިޔާސީ ޕާޓީގެ ގޮތުގައި އިލެޝަންސް ކޮމިޝަނުގައި 15 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވާ އިރު އޭގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ނުވަ ސިޔާސީ ޕާޓީ އޮތް ކަމަށް އިލެކްޝަންސްގެ ރެކޯޑްތަކުން ދައްކަ އެވެ. އެގޮތުން ޕީއޭގައި 2662 މެންބަރުން ތިބި އިރު ޤައުމީ ޕާޓީގެ މެންބަރުން އަދަދަކީ 2317 އެވެ. އެމްއާރުއެމްގައި މިހާރު ތިބީ 2674 މެންބަރުންނެވެ.