25 Dec 2011, 17:55
ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒް ވަޒީފާ އިން ވަކި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހަމަދު ފަޔާޒް ވިދާޅުވެއްޖެ އެވެ.
ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ ރިޔާޒް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ކުރިން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަދި މިހާރު ޓްރާންސް ޕޯޓް މިނިސްޓްރީގެ ނައިބު ފަޔާޒް ވިދާޅުވީ ރިޔާޒް ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އާއި ސަރުކާރުގެ އެކި ބޭފުޅުން އެކި ފަހަރުގެ މަތިން އޭނާ ގާތު ވިދާޅުވެފައިވާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހު އާ އެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުމެއްގައި ފަޔާޒް ގެންނަވައި ރިޔާޒް ކެމްޕޭން ކުރައްވާ ކަމަށާއި އަދި އޭނާގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ހުތުރުވަމުންދާ ކަންތައްތަކެއް ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ފަޔާޒް ވިދާޅުވި އެވެ.
"ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހު އާ އެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުމެއްގައި ފަޔާޒް ގެންނަވައި ރިޔާޒް ކެމްޕޭން ކުރައްވާ ކަމަށާއި އަދި އޭނާގެ ކުރާ އެހެން ވެސް ކަންތައްތަކުގެ ސަބަބުން ފުލުހުންގެ މުއްސަސާއަށް ހުތުރުވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި،" ކޯޓުގެ އަޑުއެހުމުގައި ފަޔާޒް ވިދާޅުވި އެވެ.
ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ ވެސް ރިޔާޒް ވަޒީފާ އިން ވަކިކުރަންޖެހޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް ބަދަލުގައި އެއްވެސް ކަމަކާއި ނުލާ އެއްވެސް މީހަކު މަޤާމުން ވަކި ނުކުރެވޭނެ ކަމަށް ރައީސް އަށް ދަންނަވާފައިވާނެ ކަމަށް ފަޔާޒް ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދި އެއްވެސް ކުށަކާއިނުލާ ވަޒީފާ އިން މީހަކު ވަކި ނުކުރެވޭނެ ކަމަށް ޤާނޫނޫ އަސާސީގައި އޮންނަ އެކި މައްދާތަކަށް ރިޔާއަތްކޮށް ފަޔާޒް އަމިއްލަ އަށް ޓޮކިއުމެންޓެއް ތައްޔާރުކުރުމަށް ފަހު، ޕޮލިސް ކޮމިޝަނަރު އަތްޕުޅަށް އަރުވާފައިވާނެ ކަމަށް ވެސް ރިޔާޒްގެ ޤާނޫނީ ވަކީލާ އާޒިމާ ޝުކޫރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަޔާޒް ވަނީ ވިދާޅުވެފަ އެވެ.
ރިޔާޒް މަޤާމުން ވަކި ކުރުމުގައި ޗެކްބައުންސްގެ މައްސަލަ ހިނގާ ދިޔަ ގޮތް އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ރިޔާޒް ވަޒީފާ އިން ވަކިކުރުމުގެ ކުރިން ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވުނު ޗެކްބައުންސްތަކެއްގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑުން ބަލައި ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވާފައި ވަނީ ތަހުޤީގުކުރުމެއް ނެތި ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.
ޖޮއިންޓް އެކައުންޓަކުން ރިޔާޒު އެކަނި ސޮއިކޮށް ބައުންސްވެފައިވާ ޗެކްތަކެއް ބަޔަކަށް ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިއަދުގެ ޝަރީއަތުގައި އޭނާ ވަނީ ދޮގުކޮށްފަ އެވެ. އަދި އޭނާ ވަޒީފާ އިން ވަކި ކޮށްފައި ވަނީ ހަމަ އެކަނި ސިޔާސީ ބޭނުންމެއްގައި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ހުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދެ ފަރާތަށް ވެސް ދެއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.