27 Jun 2010, 15:18
19:00
މިދިޔަ އަހަރުގެ އޭޕްރިލް މަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި ދެމައިންގެ މައްސަލާގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ ނަރުހުންގެ މައްޗަށް ދައުވާނުކޮށް އަހަރެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށް ބުނެ މިމަސް ނިމުމުގެ ކުރިން އެމައްސަލާގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްފަހު އެނގުމަށް ފުލުހުންގެ އިދާރާ އަށް ޖިނާއީ ކޯޓުން އަންގައިފި އެވެ.
ޖިނާއީ ކޯޓުން ކަމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަޞީހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އެފްރީލް މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މއ. ސަތާވަރީއާގޭ ޝާހީން މުހައްމަދު ވިހެވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ދިއުމުން، ސިޒޭރިއަން ހެދުމުގެ ތެރޭގައި ކުއްޖާ މަރުވި މައްސަލަ އާއި އޭގެ ދެ ދުވަސް ފަހުން ކުއްޖާގެ މަންމަ ވެސް މަރުވި މައްސަލާގައި އޭޑީކޭ ހޮސްޕިޓަލްގެ ދެ ނަރުހުން އެމީހުންގެ ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރެވި އެއް އަހަރާއި ދެ މަސް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ދެ މީހުންގެ މައްޗަށް ނުވަތަ އެ ދެމީހުން ކުރެ އެއްވެސް މީހެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާފައިނުވާތީ އާއި އެ ދެ ނަރުހުން ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފައި ވާތީ އޭޑީކޭ ހޮސްޕިޓަލުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް ޖިނައީ ކޯޓުން ޕޮލިސް ލަމިޝަނަރަށް ފޮނުވާފައިވާ އެ ސިޓީގައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ތަޙްޤީޤް މަރުހަލާ ނިންމާ ޕީޖީ އޮފީހަށް ފޮނުވުމުން އިތުރަށް ސާފުކުރަން ޖެހޭ މައުލޫމާތުތަކެއް މަދުކަމަށް ބުނެ އެ މައްސަލަ އަނބުރާ ފުލުހުންގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން އެމައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި އެމައްސަލަ ވަރަށް އަވަހަށް ޕީޖީ އޮފީހަށް ފޮނުވާލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެމައްސަލާގެ ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ބުނީ އެ މައްސަލާގައި ހިމެނޭ ދެ ނަރުހުނަށް ޗުއްޓީ ވެސް ދޭންޖެހޭ ކަމަށެވެ. ނަމަވެސް އެ މައްސަލަ ވަކި ގޮތަކަށް ނިންމެންދެން ނުވަތަ ވަކި އެއްޗެއް އަންގަންދެން އެ ދެ ނަރުހުންނަށް ނުފުރޭނެ ކަމަށް ޖިނާއީ ކޯޓުން ބުނެފައިވާތީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް ވެސް އޭޑީކޭގެ މެނޭޖްމަންޓުން ބުނެ އެވެ.
އޭޑީކޭގައި ދެ މައިން މަރުވި މައްސަލާގައި ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފައިވާ އެ ދެ ނަރުހުންގެ އިތުރުން އެ މައްސަލާގައި ކުރިން ތުހުމަތުކުރި ޑޮކްޓަރު ވެސް މިހާރު އަންނަނީ އޭޑީކޭގައި ހިދުމަތް ދެމުންނެވެ.