ހއ. ދިއްދޫ ރައްޔިތުންގެ ފަަރާތުން އެ އަތޮޅުގައި ކަރަންޓީން ފެސިލިޓީއަކަށް ހަދާފައިވާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ނުވަތަ ދޮނަޅުޅި ރިސޯޓްގައި ތިބި މީހުނަށް ރޯދަ ވީއްލުމެއް ދީފި އެވެ.

އެކަމަށް އިސްނަގައިގެން ރޯދަ ވީއްލުން އިންތިޒާމް ކޮށްފައިވަނީ ދިއްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށް މިޑްލް ސްޕޯޓްސް ކްލަބް އިންނެވެ.

އެ ކަލްބަގެ ރައީސް ނަޝަވާން އިބްރާހިމް 'ސަން' އަށް ވިދާޅުވީ ދޮނަކުޅި ރިސޯޓްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިިވާ 15 މީހުންނާއި އެތައް ބަޔަކު ކަރަންޓީން ކޮށްފައި އެބަތިބި ކަމަށެވެ. އެހެން ކަމުން މި އުނދަގޫ ދަނޑިވަޅުގައި އެ ފަރާތްތަކާއި އެ ފަރާތްތަކަށް ހިދުމަތްކޮށްދޭ ސިއްހީ އެހީތެރިންނާއި އެކު ދިއްދޫ ރައްޔިތުން ވެސް ތިބިކަން ހާމަ ކޮށް ދިނުމުގެ ގޮތުން އިއްޔެ ރޯދަ ވީއްލުމެއް ދީފައިވާ ކަމަށެވެ.

"ރޯދަ ވީއްލުމުގެ އިތުރުން ވެސް އަޅުގަނޑުމެން ވާނެ އެ ރަށުގައި ހުރި ކޮންމެ މީހަކަށް ފްރުޓް ގިފްޓެއް ޕެކެއް ހަދިޔާ ކޮށްފައި،" ނަޝްވާން ވިދާޅުވި އެވެ.

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ހުރިހާ ސަރަހައްދެއްގައި އަންނަނީ ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރަމުންނެވެ. އާންމު ގޮތެއްގައި ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަަޖައްސަނީ ރިސޯޓްތަކެވެ. އެއާއި އެކު އެ ރިސޯޓްތައް ކައިރީގައި ހުރި ރަށްތަކުން މީގެ ކުރިން ވެސް ވަނީ ރޯދަ ވީއްލުމުގެ އިތުރުން އެހެނިހެން އެހީތެރިކަން ފޯރުކޮށްދީ ކަރަންޓީންގައި ތިބި ފަރާތްތަކާއި އެކުގައިވާކަން ހާމަ ކޮށްދީފަ އެވެ.