ރާއްޖޭގައި ވެސް ކޮވިޑް19 ހަލުވިކަމާ އެކު ފެތުރި، މިހާރު މިވަނީ އެންމެ ބިރުބޮޑު ދުވަސްތައް ގުނަން ފަށައިފަ އެވެ. މިހާރު އަންދާޒާ ކޮށްފައިވާ ގޮތުން މި މަހުގެ 31 ވަނަ ދުވަހަކީ ރާއްޖެ ސާޖަކަށް ދާނެ ދުވަހެވެ. އެ ދުވަހާ ހިސާބަށް ދާއިރު ބަލި ޖެހިފައިވާ 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، އަދި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިއާ އެކު ސަރުކާރުން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވާ ވަރަކަށް، އެމީހުންގެ ކޮންޓެކްޓުން ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއާ އެކު ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ވެސް އަންނަނީ ބުރަ ބޮޑުވަމުންނެވެ. އެހެންކަމުން މިހާރު ސަރުކާރުން ވަނީ ގޭގައި މީހުން އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 100 އާއި 150 އާ ދެމެދުގެ އަދަކަކަށް މީހުން ކޮރަންޓީން އަދި އައިސޮލޭޝަނަށް ގެންދެވޭ ކަމަށެވެ.

މިހާތަނަށް ގިނަ މީހުން އެކަހެރި ކުރަމުން އައީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގަ އެވެ. އެހެން ނަމަވެސް ވަރަށް ރިސްކު ކުޑަ މީހުން މަދުމަދުން ނަމަވެސް ގޭގައި އަންނަނީ އެކަހެރި ކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ނަމަވެސް ޕޮޒިޓިވް މީހުންނާއިި އެކަހެރިކުރަން ޖެހޭ ކޮންޓެކްޓުންގެ އަދަދު އިތުރުވަމުން އަންނާތީ މިހާރު މިވަނީ އެހެން ގައުމުތަކާ އެއްގޮތަށް، ރާއްޖޭގައި ވެސް ގޭގައި މީހުން އެކަހެރި ކުރަން ޖެހިފަ އެވެ.

ގޭގައި އެކަހެރިވާނެ އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ގޭގައި މީހުން އެކަހެރި ކުރުމުގެ ކަންކަން ފަށާފައިވާއިރު، ގޭގައި އެކަހެރިވެގެން ހުންނަ މީހާ އަމަލު ކުރާނެ ގޮތާއި، ސަމާލުކަން ދޭންޖެހޭ ކަންކަން އެނގިފައި އޮތުން މުހިންމެވެ.

މިރޭގެ ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ޑރ. މުއާޒް މޫސާ ވިދާޅުވީ ގޭގައި އެކަހެރިވެވޭނެ އެންމެ ރަނގަޅު ގޮތަކީ، ބަލި ޖެހިފައި ހުންނަ މީހާ ވަކިން ކޮޓަރިއެއްގައި އެކަހެރިވެ ހުރުން ކަމަށެވެ.

މިގޮތަށް މީހަކު ހުންނަ ކޮޓަރި އަކީ ރަނގަޅަށް ވައި ދައުރުވާ ކޮޓަރިއަކަށް ވާންވާނެ އެވެ. އަދި އެމީހަކު ބޭނުންކުރަން ވާނީ ވަކި ފާހާނާއެކެވެ.

ހަމައެއާ އެކު، ގޭގައި އުޅޭ އެހެން މީހުންނާ ބައްދަލުކޮށް ހަދައިގެން ނުވާނެ އެވެ. އެކަހެރިކޮށްފައި ހުންނަ މީހާއަށް ކާ އެއްޗެހި ގެންގޮސްދޭ މީހުން ވެސް، ދޮރު ބޭރުގައި އެއްޗެހި ބެހެއްޓުމަށް ފަހު ހުންނަން ވާނީ ދުރުގަ އެވެ. ބަލި މީހާ ބޭނުންކުރާ ތަށްޓާއި، އުލާއި ސަމުސާ ވެސް ހުންނަން ވާނީ ވަކި ކުރެވިފަ އެވެ.

"އެނގޭ މިއީ އުނދަގޫ ކަމެއް ކަން އެކަހެރިކޮށް ހުންނަަން ޖެހުން. އެހެން ނަމަވެސް ވިސްނާލަން ޖެހޭނެ ކަމަކީ ކޮންމެ ހާލަތެއްގައި ވެސް ވިސްނަން ޖެހޭނޭ ތިމާއަކީ ބަލި ޖެހިފައި ހުރި މީހަކަށް ވެދާނޭ. އެހެންވެގެންނޭ އެކަހެރި ކުރެވެނީ. އެހެންވީމާ ތިމާގެ ފަރާތުން ތިމާގެ އާއިލާއަށް، ތިމާއާ އެއްކޮށް އުޅޭ މީހުންނަށް މި ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ވަރަށް މުހިންމު ކަމެކޭ އެހެން މީހުންނާ ބައްދަލުނުވުމުން، އެހެން މީހުންނާ އެއްކޮށް ނޫޅުން،" ޑރ. މުއާޒް ވިދާޅުވި އެވެ.

މެއި 12، 2020: މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވީނަމަވެސް، މާލެ ފަދަ، ގިނަ ބަޔަކު އެކުގަައި ތަނެއްގައި އުނދަގޫ ކަމަކަށް ވާނެ އެވެ. ވަކިން ކޮޓަރިއެއްގައި ހުރެވުނު ނަމަވެސް، އެހެން މީހުންނާ އެއް ފާހާނާއެއް ބޭނުން ކުރަން ޖެހިދާނެ އެވެ. އެފަދަ ހާލަތެއްގައި ދެން އަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟

ގިނަ ބަޔަކު ބޭނުންކުރާ ފާހާނާއެއް ނަމަ، އެކަހެރި ކޮށްފައި ހުންނަ މީހާ ފާހާނާ ބޭނުންކުރުމަށް ފަހު، ފާހާނައިގައި އާންމުކޮށް އަތްލެވޭ ގޮތަށް ހުންނަ އިސްކުރު، ދޮރު ފަދަ ތަންތަން ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަން ވާނެއެވެ. މިއީ ކޮންމެ ފަހަރަކު ކުރަން އުނދަގޫ ކަމެއް ނަމަވެސް، އެންމެ ރައްކާތެރި ގޮތަކީ މިއީ އެވެ.

ސާފުކުރާނީ ކިހިނެތް؟

ކޮރޯނާ ވައިރަސް އެންމެ ފަސޭހައިން ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހާ ކެއްސައި، ކިނބިހި އަޅާ އިރު ބޭރުވާ ކުޅުތިކިތަކުންނެވެ. އެހެން ނަމަވެސް ރޯގާ ފޮޅުން ފަދަ ކަންކަން ކުރުމަށް ފަހު، އަތް ނުދޮވެ ތަނެއްގައި އަތް ލެވިއްޖެ ނަމަ، އެތަނެއްގައި ވައިރަސް ހަރުލާފައި ހުރެ އެވެ. އެހެންކަމުން މިގޮތަށް ވެސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފެތުރެ އެވެ. އެހެންކަމުން ބަލި މީހަކު އަތްލާ ތަންތަން ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެންމެ ފުރަތަމަ އާންމުކޮށް ސާފުކުރާ ގޮތަށް، އާންމުކޮށް ބޭނުންކުރާ އެއްޗެހި ބޭނުންކޮށްގެން ތަޅުންގަނޑާއި، ފާހާނާ ސާފުކުރާށެވެ. އެއަށް ފަހު ދެން ބްލީޗް ސޮލިއުޝަން ބޭނުންކޮށްގެން ތަންތަން ޑިސްއިންފެކްޓު ކުރާށެވެ.

ކޮވިޑް19 އާއި ބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއަށް ބޭނުންކުރަނީ އާންމުކޮށް ބޭނުންކުރާ ބްލީޗް ސޮލިއުޝަން. ގާތްގަނޑަކަށް އެއް ލީޓަރު ފެނަށް، ބައި ޖޯޑު ނޫނީ ގާތްގަނޑަކަށް 120 އެމްއެލް ބްލީޗް އެޅިދާނެ. އެހެން ގޮތަކުން ދަންނަވާ ނަމަ އެއް ޖޯޑު ބްލީޗަށް، ނުވަ ޖޯޑު ފެން. މި މިނުގައި އަޅާފައި ބޭނުންކުރެވިދާނެ. މިގޮތަށް ބޭނުންކުރާ އިރު، ބްލީޗް ސޮލިއުޝަން ތައްޔާރުކުރުމަށް ފަހު މަތި ޖަހާފައި، އަވި ނުދޭ ހިސާބެއްގައި ބެހެއްޓިދާނެ 24 ގަޑިއިރު ވަންދެން ބޭނުންކުރެވިދާނެ،" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

ބްލީޗް ސޮލިއުޝަނުން ތަންތަން ސާފުކުރާނީ ކުޑަ ފޮތިކޮޅެއް ބޭނުންކޮށްގެނެވެ. ބްލީޗް ސޮލިއުޝަން އުނގުޅާލުމަށް ފަހު 10 ވަރަަކަށް މިނެޓު ބަހައްޓަން ވާނެ އެވެ. އޭގެ އަސަރު ކުރާނީ އޭރުންނެވެ.

ބްލީޗް ސޮލިއުޝަނަކީ ވަރަށް ވަސް ގަދަ އެއްޗަކަށް ވުމުން، ސާފުކުރާއިރު ދޮރުތައް ހުޅުވާލާފައި ބަހައްޓަން ޑރ. ނަޒްލާ އިލްތިމާސް ކުރެއްވި އެވެ. އަދި ސާފުކުރާއިރު އަންގި ލެއްވުމަށާއި، ސާފުކޮށް ނިމުމަށް ފަހު ބޭނުންކުރި ފޮތިކޮޅާއި އަންގި ރަނގަޅަަށް ސައިބޯނި ލައިގެން ދޮވެ، ހިއްކަން ސަމާލުކަން ދޭން ވާނެ އެވެ.

އެކަހެރިކޮށްފައި ހުންނަ މީހާގެ އެއްޗެހި ދޮންނާނީ ކިހިނެތް؟

ކަރަންޓީނު ނުވަތަ އައިސޮލޭޓުކޮށްފައި ހުންނަ މީހެއްގެ ދާ އަންނައުނާއި ތުވާއްޔާއި އެނދުގައި އަޅާ ބެޑްޝީޓް ފަދަ އެއްޗެހި ދޮވުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

"މީގަ ވިސްނަން ޖެހޭ މުހިންމު ކަމަކީ ހެދުން ނޫނީ ބެޑްޝީޓް އެއްޗެހި ފޮޅަންޏާމުން ވައިރަސްތައް މުޅި ތަންތަނަށް ދާނެ. އެހެންވެ ބެޑްޝީޓް އެއްޗެހި ނަގާ އިިރު ވެސް ވަރަށް ވިސްނައިގެން، މަޑުމަޑުން ނަގާފައި އޮޅާލާފައި މިސާލަކަށް ލޯންޑްރީ ބާސްކެޓް ނޫނީ ދާއެއްޗެހި އަޅާ ވަކި ވަށިގަނޑަކަށް އަޅާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިގޮތަށް ކަންތައް ކުރާ އިރު ލޯންޑްރީ ބާސްކެޓުގައި ވެސް އިތުރު ޝީޓެއް ބައިންދާ، އެ ޝީޓުގެ ތެރެއަށް ދާ އެއްޗެހި އެޅުން ބުއްދިވެރި އެވެ. އޭރުން ދޮންނަން ގެންދާ އިރު، ވަކި ހެދުންތައް ނެގުމުގެ ބަދަލުގައި ޝީޓު ނަގައިގެން ގޮސް މެޝިނަށް ލެވޭނެ އެވެ.

"އޭރުން ވަކިވަކި ހެދުންތައް ވަކިން ނަގާކަށް ނުޖެހޭނެ. މިސާލަކަށް ކުލަ ހެދުމާ އެއްޗެހި ވަކިކުރަން ޖެހެޏްޏާ ވެސް ދެ ވަށިގަނޑު ބޭނުންކުރާށޭ. ފަހުން އަނެއްކާ ވެސް އެ އެއްޗެހި ހާވާ ހަދަންޏާ ހަމަ އިންފެކްޓު ވުމުގެ ފުރުސަތު ބޮޑުވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެއްޗެހި ދޮވުން އެންމެ ރަނގަޅީ 60 ޑިގްރީ އާއި 90 ޑިގްރީ އާ ދެމެދުގެ ހޫނު ފެނުގައި ކަމަށެވެ.

މީގެ އިތުރުން އެކަހެރިކޮށްފައި ހުންނަ މީހާގެ ކޮޓަރީގައި ހުންނަ ކުނި އަޅާ ވަށިގަނޑަށް ވެސް އެއްޗެއް ލީކުވުމުގެ ފުރުސަތު ކުޑަކުރުމަށް ދެ ކޮތަޅު ލާފައި ބެހެއްޓުން ބުއްދިވެރި އެެވެ.

އެއް ގޭގައި ގިނަ މީހުން ކަރަންޓީނު ވާނީ ކިހިނެއް؟

ޑރ. މުއާޒް ވިދާޅުވީ ގެއަކުން މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ، އެ ގޭގައި ދިރިއުޅޭ ހުރިހާ އެންމެން ވެސް ބައްޔަށް ހުށަހެޅުނީ ކަމަށާއި އެހެންކަމުން އެންމެން ވެސް ކަރަންޓީނު ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެކި މީހުން ބައްޔަށް ހުށަހެޅުނު މިންވަރު ތަފާތުވެދާނެ އެވެ.

އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ، އެންމެ ރިސްކް ބޮޑު މީހުން މުޅިން އެކަހެރިވުން އެދެވިގެންވެ އެވެ. އަދި ހައި ރިސްކް ގްރޫޕަކަށް ފެތޭ މީހަކު ހިމެނޭ ނަމަ، އެމީހަކު ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ.

ކޮންމެ މީހަކު ވަކި ކޮޓަރިއެއްގައި އެކަހެރި ވެވޭނެ ގޮތް ނެތް ނަމަ، އިޖުތިމާއީ ގައިދުރުކަން އިސްކުރުމަށާއި، ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް ޑރ. އިލްތިމާސް ކުރެއްވިއެވެ.

މިފަދަ ގެއަކަށް ކާބޯތަކެތި ޑެލިވަރީ ކުރާނަމަ ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. ފުރަތަމަ ކަމަކަށް، އޮންލައިންކޮށް ވިޔަފާރިކުރުމަށް އިސްކަން ދޭން ވާނެއެވެ. އަދި ޑެލިވަރީ ކުރަން އަންނަ މީހާ އާ ދިމާނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ވާނެއެވެ.

"ދޮރު ކައިރީގައި ބަހައްޓާށޭ މިސާލަކަށް އޭނަ ޑެލިވާ ކުރާ އެއްޗެހި ގެނެސް ބަހައްޓާނެ ކުޑަ މޭޒެއް. ގޭގަ ތެރޭ ތިބޭ މީހުން ތިބޭނީ ދުރުގައި. އޭނާ އޭތި ގެނެސް މޭޒުމަތީ ބަހައްޓާފައި ދިޔައީމަ ދެން ގޭގައި ތިބޭ މީހުން ގޮސް އެއްޗެހި ނަގާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބޭރުން ގޭތެރެއަށް ވައިރަސް ވަނުމުގެ ފުރުސަތު ކުޑަކުރުމަށް، ޑެލިވަރީ ކުރާ އެއްޗެހި ސާފުކުރަން ވާނެ އެވެ. އަދި އެއްޗެހި ދޮވެ ސާފުކުރުމަށް ފަހު، ސައިބޯނި ލައިގެން އަތް ދޮންނަން ވާނެ އެވެ.

ކުރިއަށް މިއޮތީ ރާއްޖެއަށް ދަތި ދުވަސްތަކަކަށް ވެދާނެ އެވެ. އެހެންކަމުން މި އަންނަ ސާޖު ކުޑަކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށް، އަމިއްލައަށް ރައްކާތެރިވުން ވަރަށް މުހިންމެވެ. ގުދު ފަތި ކުރެވޭނީ ކޮންމެ މީހަކު ވެސް ޑޮކްޓަރުންގެ އިރުޝާދުތަކަށް ބޯލަނބައި، އެއްބާރުލުން ދީގެންނެވެ.