ބާސެލޯނާގެ ސްޕެއިން ފޯވާޑް ޑޭވިޑް ވިޔާގެ ފައިގެ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. އަވަސް ފުރުސަތެއްގައި ވިޔާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމުގެ ފެހި ސިގްނަލް ވެސް ހޮސްޕިޓަލުން ދީފައި ވެއެވެ.

އުމުރުން 30 އަހަރުގެ ވިޔާ އަށް އަނިޔާވީ ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައނަލުގައި އަލް އަސަދު އާއި ދެކޮޅަށް ކުޅެ ބާސެލޯނާ މޮޅުވި މެޗުގަ އެވެ. އެމެޗުން ލިބުނު އަނިޔާ އާއި ގުޅިގެން ކުލަބު ވޯލްޑް ކަޕްގެ ފައިނަލުގައި ވިޔާ ބައިވެރިވެފައެއް ނުވެއެވެ.

"ޑޭވިޑް ވިޔާގެ އޮޕަރޭޝަނަށް ފަހު ފަސް ދުވަސް ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި. ވިޔާގެ ހާލު މިހާރު ދަނީ ރަނގަޅު ވަމުން." ބާސާގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައި ވެއެވެ.

ޑޭވިޑް ވިޔާ އަކީ ސްޕެއިން ގައުމީ ޓީމުން ނާއި ވެލެންސިއާ އަށް ކުޅުނު ދުވަސްވަރު ވިދާލި ކުޅުންތެރިއެކެވެ. ސްޕެއިން ގައުމީ ޓީމަށް މުހިންމު ލަނޑު ތަކެއް ކާމިޔާބު ކޮށްދިން ވިޔާ ބާސާ އާއި ގުޅުނީ 2010 ވަނަ އަހަރު އެވެ.