16 May 2020, 00:37
ވޮޝިންޓަން (މެއި 15): އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑްއިން އުފެއްދި ވެކްސިނެއް ރާމާމަކުނަށް ދީގެން ޓެސްޓު ކުރުމުން ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށް ސައިންސުވެރިން ބުނެފި އެވެ.
އޮކްސްފޯޑާއި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް)ގެ ސައިންސުވެރިން ގުޅިގެން އެގައުމުގައި ކުރިއަށްގެންދިޔަ ޓެސްޓުތަކުގައި ވަނީ ރީޒަސް މަކާކް އާއިލާގެ ރާމާމަކުނުތަކަކަށް ވައިރަސް ޖައްސާފަ އެވެ. އަދި އޭގެ ތެރެއިން ވެކްސިން ދިން ހަ ރާމާމަކުނުގެ ފުއްޕާމެ އާއި ވައިހޮޅިތަކުން ވައިރަސް ފެނުނީ މަދުން ކަމަށާއި އެ ރާމާމަކުނުތަކަށް ނިއުމޯނިއާ ނުޖެހޭ ކަމަށް ސައިންސުވެރިން ބުންޏެވެ.
މީގެ އިތުރުން ވެކްސިން ދިން ރާމާމަކުނުތަކުގެ ހަށިގަނޑުން އެންޓިބޮޑީތައް 28 ދުވަސް ތެރޭ ފެނުނު ކަމަށް ސައިންސުވެރިން ބުންޏެވެ. އެންޓިބޮޑީތަކަކީ ބަލި ޖައްސާ ބެކްޓީރިއާ އާއި ވައިރަސް ފަދަ މާއްދާތަކުން ދިފާއުވުމަށް ހަށިގަނޑުން އުފައްދާ ޕްރޮޓީންއެކެވެ.
އެ ދިރާސާ އަދި ސައިންޓިފިކް ޖާނަލްއެއްގައި ޝާއިއުކޮށް، އެހެން ސައިންސުވެރިން ބަލާ 'ޕިއާ ރިވިއު'ކޮށްފައި ނުވެ އެވެ. ނަމަވެސް ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ އެޕިޑެމިއޮލޮޖިސްޓް ޕްރޮފެސަރު ސްޓީވެން އެވަންސް ވަނީ އެއީ 'ފެންވަރު ރަނގަޅު' ދިރާސާއެއް ކަމަށާއި ޓެސްޓުން ލިބުނު ނަތީޖާއިން ވެކްސިނަށް އޮތް އުއްމީދު އާލާވާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދިރާސާއިން އެންމެ ފާހަގަކޮށްލެވުނު ކަމަކީ ވެކްސިން ދިނުމުން ރާމާމަކުނުގެ ފަރާތުން "އިމިއުން އެންހޭންސްޑް ޑިޒީސް"އެއް ނުފެނުމެވެ. އެއީ ވެކްސިންގެ ސަބަބުން ބައެއް ހާލަތްތަކުގައި ބަލި ހާލަތު އިތުރަށް ގޯސްވުމެވެ.
ރީޒަސް ރާމާމަކުނުގެ ދިފާއީ ނިޒާމާ އިންސާނުންގެ ދިފާއީ ނިޒާމާ އެއްގޮތް ކަންްތައްތަކެއް ހުރެ އެވެ. ނަމަވެސް މި ދިރާސާއިން ރާމާމަކުނުގެ ފަރާތުން ފެނުނު ނަތީޖާ އިންސާނުންގެ ފަރާތުންވެސް ފެންނާނެކަން ޔަގީން ނުވާ ކަން ސައިންސުވެރިން ފާހަގަ ކުރި އެވެ.
އޮކްސްފޯޑްގެ އެ ވެކްސިން 1،000އަށް ވުރެ ގިނަ މީހުންނަށް ދީގެން އިނގިރޭސިވިލާތުގައި މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އެ ޓެސްޓުތަކުގެ ނަތީޖާ އަންނަ މަހު ލިބެން ފަށާފާނެ ކަމަށް އެޔުނިވާސިޓީން ވަނީ ބުނެފަ އެވެ.
ދުނިޔޭގައި މިހާތަނަށް 4.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، އެ ވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 100އަށް ވުރެ ގިނަ ވެކްސިން އެކި ގައުމުތަކުގައި ދަނީ ޓެސްޓު ކުރަމުންނެވެ.