16 May 2020, 00:40
ދަތި ހާލަތުގައި ވެސް ކަމާ ބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކަށް ގިނަ ރައްޔިތުން ކިޔަމަންތެރިވުމުން އެކަމުގެ ފައިދާ ފެންނަމުންދާ ކަމަށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއު އެއްގައި މައިމޫނާ ވިދާޅުވީ، ގިނަ މީހުންނަކީ ދޭ އިރުޝާދުތައް ރަނގަޅަށް ބަލައިގަންނަ ބައެއް ކަމަށާއި ވަރަށް ދަތިހާލުގައި ނަމަވެސް އެކަންކަން ގަބޫލުކޮށް ކުރިއަށް ގެންދަން ބޭނުންވާ ބައެއް ކަމަށެވެ.
"ވަރަށް ދަތި ހާލަތުގައި ހާއްސަކޮށް މާލޭގައި މީހުން ގޭގައި ތިބުމަށް މި ޖެހުނީ، ދަތިކަމުގައި ވެސް އެގޮތަށް ކަންތައް ކުރައްވައިފި އެހެންވީމަ މިހާރު އަޅުގަނޑުމެން މިކުރިއަށް ގެންދެވޭ މަސައްކަތުގެ ފައިދާ ބޮޑަށް ފެނިގެން މި ދިޔައީ،" މައިމޫނާ ވިދާޅުވި އެވެ.
މި އުނދަގޫ ހާލަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ރަނގަޅު ކަން ފާހަގަކޮށް މައިމޫނާ ވިދާޅުވީ، އެ އެއްބާރުލުން ނުލިބުނު ނަމަ މިހާރު މި އޮތް ހާލަތުގައި ވެސް ނޯންނާނެ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ރައްޔިތުން އެދެއެދި ތިބީ މި ހާލަތު އިއުލާން ކުރުމަށް ކަން މައިމޫނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ނިންމުންތައް ނިންމާނީ ހާލަތަށާއި ރިސްކަށް ބަލާފައި ކަމަށެވެ.
ނިއު ނޯމަލްއަށް ރައްޔިތުން އަންނަން ޖެހޭ ކަން ފާހަގަކޮށް މައިމޫނާ ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ބައެއް ކަމަށާއި ނިއު ނޯމަލްގައި އުޅުމަށް ސިއްހީ ހިދުމަތްތެރިން ދެއްވާ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އަދި މިހުރިހާ ޓީމްތަކަކުން ވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގައި މި ބަލި ފެތުރުން ކޮންޓްރޯލްކޮށް އެ ފެތުރިގެންދާއިރު އެކަމަށް ބޭނުންވާނެ ސިއްހީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީ ފުރާނައަށް ގެއްލުންވާ ހާލަތަކަށް ނުދިއުން. އެކަމަށްޓަކައި ބޭނުންވާ ކެޕޭސިޓީ ހަމަ ތައްޔާރު ކުރެވެމުން އެއަށް ބަލަމުން އަޅުގަނޑުމެންގެ ފިޔަވަޅުތައް ކުރިއަށް މިގެންދަނީ. އެ ކެޕޭސެޓީ އެކަށީގެންވާ ގޮތުގައި ލިބެމުން އަދި ތާއްޔާރުވެފައޭ އަޅުގަނޑު ދަންނަވާނީ،" މައިމޫނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތައް އެކުލެވިފައިވާ ގޮތުން ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަން މައިމޫނާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މިހާރު ކުރިމަތިވެފައި މިއޮތް ހާލަތަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް މައިމޫނާ ވިދާޅުވި އެވެ.