ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ތިން މަހުގެ މުސާރަ ކޮވިޑް-19 ހެލްތް ކެއާ ސެކިއރިޓީ ފަންޑަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރާ މަސްކަތްތަކަށް އެހީވުމުގެ ގޮތުން ލަންކާ ސަރުކާރުން ހުޅުވާފައިވާ މި ފަންޑަށް ރައީސް ގޯޓާބަޔާގެ ތިން މަހުގެ މުސާރައަށްވާ 292،500 ލަންކާ ރުޕީސް (1557.56 ޑޮލަރު) ފަންޑަށް ހަދިޔާކޮށްފައިވަނީ އިއްޔެ ކަމަށް ލަންކާގެ ނޫސްތަކުން ބުންޏެވެ. ލަންކާ ރައީސްގެ މީޑިއާ ޑިިވިޝަނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދާ ހަމައަށް އެ ފަންޑަށް ޖަމާވި ފައިސާގެ އަދަދު އެއް ބިލިއަން ރުޕީސް (5.32 މިލިއަން ޑޮލަރަށް) ވުރެ ގިނަ އެވެ.

ސްރީލަންކާގެ މުއާސަލާތީ ކުންފުނި މޮބިޓެލްގެ ފަރާތުންވެސް މި ފަންޑަށް އިއްޔެ ވަނީ 50 މިލިން ރުޕީސް ހަދިޔާކޮށްފަ އެވެ. އަދި އެއާޓެލް ކުންފުނީގެ ފަރާތުން 1.2 މިލިއަން ރުޕީސް މީގެ ކުރިން ވަނީ ހަދިޔާކޮށްފަ އެވެ.

އޭގެ އިތުރުން އެހިނިހެން ސަރުކާރުގެ އިސްފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ބޭރު ފަރާތްތަކުގެ އެހީވެސް މި ފަންޑަށް ދަނީ ލިބެމުންނެވެ. މި ފައިސާ ޖަމާވަމުން ދަނީ ބެންކް އޮފް ސިލޯންގައި އެކަމަށްޓަކައި ހާއްސަކޮށްފައިވާ އެކައުންޓަށެވެ.

މި ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނީ، ބޭހާއި މެޑިކަލް ރިސާޗް ސާމާނު ހޯދުމަށާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ. އޭގެ އިތުރުން މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އެހީވުމަށް ވެސް މި ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެެވެ.

އެއް މިލިއަން ރުޕީސްއާއެކު މި ފަންޑު ހުޅުވާފައިވަނީ މިދިޔަ މާޗްމަހު 23ގަ އެވެ.

ލަންކާގައި މިހާތަނަށް 935 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވީއިރު، ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 477 އެވެ.