ހެންވޭރުގައި ހުރި މިސްކިތެއްގެ އިމާމެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ޕޮޒިޓިވްވިކަން ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އިރު ހުރީ މިއަދު އަސަރު ނަމާދު ބަންގި ގޮވުމަށް މިސްކިތަށް ގޮހެވެ.

އެހެން ކަމުން އަސުރު ނަމާދު ބަންގި ގޮވުމަށްފަހު އެޗްޕީއޭ އިން އޭނާ ބަލާ އަންނަންދެން ހުރީ މިސްކިތުގަ އެވެ. މިރޭ 8 ޖަހާކަންހާއިރު ބަލާ އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް އަދިވެސް އައިސްފައިނުވާ ކަން ވަނީ އެނގިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމައީލް އަފްރާހް ވިދާޅުވީ އެ އިމާމު ޕޮޒިޓިވްވީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލަކުން ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ މިސްކިތް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދެއް ނުކުރެ އެވެ. ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލައި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފަ އެވެ.

މިސްކިތައް އެރުމުގެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާއިރު، މިހާރު މިސްކިތްތަކަށް އެރެެނީ ބަންގި ގޮވުމަށް އިމާމުންނަށް އެކަންޏެވެ.