ވޫހާން (މެއި 15): ޗައިނާގެ ވޫހާންގައި ދިރިއުޅޭ 11 މިލިއަން މީހުން ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް އެގައުމުން ފަށައިފި އެވެ.

ވޫހާންގެ މުޅި އާބާދީ ޓެސްޓު ކުރަން ފަށާފައި ވަނީ އެ ސިޓީން ވައިރަހުގެ ކޭސްއެއް ނުފެންނަތާ 35 ދުވަސް ފަހުން މިދިޔަ ހަފްތާ ބަންދު ތެރޭގައި އެ ސިޓީގެ ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އެ ހަ މީހުންނަކީ ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ އަދި އެއް ސަރަހައްދެއްގައި ދިރިއުޅޭ މީހުންނެވެ.

އެހެންކަމުން ވޫހާންއިން ވަނީ އެ ސިޓީގެ ވިޔަފާރިތަކާއި ސްކޫލުތައް ހުޅުވަމުންދާ މި ދަނޑިވަޅުގައި ވޫހާންގެ އެންމެން ޓެސްޓުކޮށް، ބަލި ޖެހިފައިވީ ނަމަވެސް އަލާމާތްތައް ނުފެންނަ މީހުންގެ އަދަދު ހޯދަން ނިންމާފަ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާއިން އިއްޔެ ރިޕޯޓު ކުރި ގޮތުގައި މި ފަހަރު ޓެސްޓު ކުރުމުގައި އިސްކަން ދޭނީ މީގެ ކުރިން ޓެސްޓުކޮށްފައި ނުވާ މީހުންނަށާއި ބަލި މީގެ ކުރިން ފެތުރުނު އަދި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

އެގައުމުގެ އެހެން ނޫހެއްގައިވާ ގޮތުން ވޫހާންގެ އެންޓި ވައިރަސް ޑިޕާޓްމެންޓުން ވަނީ އެ ސިޓީގެ ކޮންމެ ޑިސްޓްރިކްޓަކަށްވެސް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޓެސްޓު ކުރަން 10 ދުވަހުގެ މުހުލަތެއް ދީފަ އެވެ. ނަމަވެސް އެކި ޑިސްޓްރިކްޓުތަކުން ޓެސްޓު ކުރަން ފަށަނީ އެކި ދުވަސްތަކުގަ އެވެ. އެގޮތުން ބައެއް ޑިސްޓުރިކްޓްތަކުން ޓެސްޓު ކުރުން މި ހަފްތާގައި ފެށި އިރު އެހެން ޑިސްޓްރިކްޓުތަކުން ނިންމާފައި ވަނީ އަންނަ ހަފްތާގައި ފަށާށެވެ.

ވޫހާންގެ 11 މިލިއަން މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ވޫހާންގައި މިހާރު ޓެސްޓުތައް ހަދަން ތައްޔާރުކޮށްފައިވާ ވަގުތީ ޓެންޓުތައް ކައިރީ މީހުން ކިޔޫ ހަދާފައިވާ މަންޒަރު ފެނިގެންދެ އެވެ. އަދި ޓެސްޓު ހެދުމަށް ފަހު މީހުން ގެޔަށް ދިޔުމަށާއި ނަތީޖާ ލިބުމާއެކު އެ މީހުންނަށް އަންގާނެ ކަމަށް އޮފިޝަލުން ވިދާޅުވާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.

ނަމަވެސް ވޫހާންގެ އެކި ސަރަހައްދުތަކުގައި ވައިރަހަށް ޓެސްޓު ކުރާ ގޮތާއި ޓެސްޓު ކުރަން ޖެހޭ މީހުންނާއި މުއްދަތާ ބެހޭ ގޮތުން އޮޅުންތައް އަރާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ވާހަކަ ދެއްކި ބައެއް އިސް ސިއްހީ އޮފިޝަލުން ވަނީ ވޫހާންގެ އެންމެން ޓެސްޓު ކުރުމަކީ އަގުބޮޑު އަދި އުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވޫހާން ޔުނިވާސިޓީގެ އިސް ބޭފުޅަކު ވަނީ މިހާރުވެސް އެ ސިިޓީގެ ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށާއި އެހެންކަމުން 10 ދުވަސް ތެރޭ ބާކީ ހަޔެއް ނުވަތަ އަށް މިލިއަނެއްހާ މީހުން ޓެސްޓު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އާ ކޮރޯނާވައިރަހުގެ ކޭސްތައް ފުރަތަމަ ފެނުނު ވޫހާން ފުރަބަންދުގައި އޮންނަތާ 11 ހަފްތާ ފަހުން ހުޅުވާލީ މިދިޔަ މަހުގަ އެވެ.

ޗައިނާގައި މިހާތަނަށް 84،031 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 79,273 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 4،637އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.