15 May 2020, 23:56
ބ. މާޅޮހުގެ ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ހަދިޔާކޮށްފިއެވެ.
ރޯޔަލް އައިލެންޑަކީ ސަރުކާރުން ކޮވިޑް-19 އަށް ޝައްކުވާ މީހުން ކަރަންޓީނުކުރުމަށް ނަގާފައިވާ ރިސޯޓެކެވެ. މި ފެސިލިޓީގައި ގާތްގަނޑަކަށް 180 އެއްހާ މީހުން ވަނީ ކަރަންޓީނު ކުރެވިފަ އެވެ.
މާޅޮސް އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓް ނުވަތަ މޭސްގެ ފަރާތުން އިސްނަގައިގެން އެ ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަ ވީއްލުމެއް ހަދިޔާކުރީ މާޅޮހުގެ ގިނަ ރައްޔިތުންތަކެއްގެ ހޫނު ތަރުހީބާއެކުގައިކަމަށް އެ ޖަމްއިއްޔާ އިން ވަނީ ބުނެފަ އެވެ.

ބ. މާޅޮހު ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑް ގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް މިއަދު ވަނީ ދީފައި
އެ ޖަމްއިއްޔާގެ މެމްބަރަކު ވިދާޅުވީ އެ މަސައްކަތަށް ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް 70 އަށްވުރެ ގިނަ ގެއިން މިކަމުގައި ބައިވެރިވި. އާބާދީގެ ވަރަށް ބޮޑު ބައެއް އެއީ ހަމަ. އަދި ރަށުގެ އެހެން ޖަމްއިއްޔާގެ ފަރާތުން އަދި ހުރިހާ ރައްޔިތުންގެ ފަރާތުންހެން އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ތަރުހީބު ލިބުނު މިކަމަށް،" އޭނާ ވިދާޅުވިއެވެ.
ކަރަންޓީނުގައި ތިބި މީހުންގެ ރޯދަ ވީއްލުމަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އަށް ބާވަތެއްގެ ހެދިކާ އަދި ކުރުނބާ ފަނި ހިމެނެއެވެ.

ބ. މާޅޮހު ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑްގައި ކަރަންޓީނުކޮށްފައިވާ މީހުންނަށް ހަދިޔާކުރި ރޯދަ ވީއްލުމުގައި ހިމެނޭ ބައެއް ތަކެތި
ރަށުގެ ޒުވާނުން މައިގަނޑު ގޮތެއްގައި ހިމެނޭ އެ ޖަމްއިއްޔާގެ ފަރާތުން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މާޅޮހުގައި ފިޔާވެސް ބަހައިފަ އެވެ.