މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "މަލަންގް" ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށައިފިއެވެ.

ރޮމޭންޓިކް އެކްޝަން ތްރިލާ މި ފިލްމުގެ ލީޑު ތަރިންނަކީ އަދިތްޔާ ރޯއީ ކަޕޫރާއި ދިޝާ ޕާޓްނީއެވެ. މަލަންގް ނެޓްފްލިކްސް އިން ސްޓްރީމްކުރާކަން ދިޝާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ.

"މަލަންގް" ވެގެން ދިޔައީ ބޮކްސް އޮފީހުގައިވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ. އެ ފިލްމަށް ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝްވެސް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ތިންވަނައަށް މި ފިލްމު ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށް ވެފައެވެ. އެ ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހުވެސް އެ ފިލްމަށް ވަނީ ހަ ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

ވަރުގަދަ ޓްވިސްޓްތަކަކާއެކު ފެނިގެންދާ އެ ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލު އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ފެނިގެންދާނެ އެވެ.

ދިޝާއާއި އަދިތްޔާގެ ކެމިސްޓްރީ ފެނިގެންދާ ފުރަތަމަ އޮން ސްކްރީން ފިލްމަކީ މި ފިލްމެވެ.