16 May 2020, 09:14
ޑައިރެކްޓަރު ސުޖިތު ސިރްކާގެ ފިލްމު "ގުލާބީ ސިތާބޯ" އެމެޒޯން ޕްރައިމުގައި ރިލީޒްކުރަން ނިންމައިފި އެވެ.
މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން ނިންމީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން އިންޑިއާގެ ސިނަމާތަކަށް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމާ ގުޅިގެން ވޭތުވެދިޔަ ދުވަސްތަކު ރިލީޒްކުރަން ހުރި ފިލްމުތައް ރިލީޒްކުރެވިފައެއް ނުވެއެވެ.
ގުލާބޯ ސިތާބޯ އެމެޒޯންގައި ރިލީޒްކުރުމާއެކު މި ފިލްމުވެގެންދާނީ ބޮޑު ފިލްމެއް ސްޓްރީމިން ޕްލެޓްފޯމަކުން ރިލީޒްކުރާ ފުރަތަމަ ފިލްމަށެވެ.
ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ ސްކްރީން ޕްލޭ ލިޔެ ތައްޔާރުކުރާ އެ ފިލްމުގެ މުހިއްމު ތަރިންނަކީ ލެޖެންޑް އަމީތާބް ބައްޗަން އަދި އާޔޫޝް ކުރާނާ އެވެ. އެ ފިލްމަކީ ފެމިލީ ކޮމެޑީއެވެ.
މި ފިލްމުވެގެންދާނީ އަމީތާބް އާއި އާޔޫޝް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ބައެއް ޚަބަރުތައް ބުނާގޮތުގައި އިންޑިއާ ސިނަމާތަށް ދެން ހުޅުވާނީ ދިވާލީ އާ ދިމާކޮށެވެ. އެހެންކަމުން ބައެއް ޑައިރެކްޓަރުން އަންނަނީ އެ ބައެއްގެ ފިލްމު ދިވާލީ ފެސްޓިވަލަށް ފަހު ގެނެސްދިނުމަށް ތާވަލްކުރަމުންނެވެ.