15 May 2020, 19:52
ރަސްމީ މަސައްކަތެއް ކުރުމަށް ސިނަމާލެ ބްރިޖު ހުރަސްކޮށް އެއާޕޯޓަށް ދާން ޖެހޭ ފަރާތްތަކަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހުއްދަ އަށް އެދޭ ފަރާތްތަކުގެ މައުލޫމާތު[email protected]އަށް ފޮނުވުމުން ވެރިފައިކުރުމަށްފަހު ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހަައްދުގެ ލޮކްޑައުން އިތުރަށް ހަރުކަށި ކޮށްފައިވާއިރު، ދަންވަރު 1:00 އިން ހެނދުނު 9:00 އަށް ސިނަމާލެ ބްރިޖު ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.
މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު މި މަހުގެ 28ގެ ނިޔަލަށް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. މި މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި އަދި ގުޅީފަޅަށް ހުއްދަ ނެތި އަރައި ފޭބުމާއި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާއިރު އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 1000 އިން މައްޗަށް އަރާފައެވެ.