ލުބްލިޖާނާ (15 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ނައްތާލެވިއްޖެ ކަމަށް ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ސްލޮވީނިއާ އިން ބުނެފިއެވެ.

ކޮވިޑް-19 ނައްތާލުމުގައި ކާމިޔާބު ހޯދިކަން އިއްލާން ކުރުމުގެ ގޮތުން ސްލޮވީނިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެރޯގާ ޖެހިފައިވާ މީހަކު އެގައުމުގައި މިވަގުތުނެތްކަން ކަށަވަރު ކޮށްފައިވާކަމުގަ އެވެ. ފާއިތުވި ތިން ހަފްތާގައި ސްލޮވީނިއާ އިން ފެނިފައި ވަނީ ކޮވިޑް-19 ގެ އެންމެ ތިން ކޭސް ކަމަށާ އެމީހުން ވެސް މިހާރު ބަލިން ރަނގަނޅުވެފައިވާކަމަށް އެ ބަޔާން ބުނެއެވެ.

ގާތްގަނޑަކަށް ދެ މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ކުޑަގައުމެއް ކަމަށްވާ ސްލޮވީނިއާއަކީ ހަންގެރީއާއި އިޓަލީއާއި ކްރެއޭޝިއާ އަދި އޮސްޓްރިއާ އާ އިންވެގެން އޮންނަ އިރުމަތީ ޔޫރަޕްގެ ގައުމެކެވެ. އެގައުމުން ކޮވިޑް-19 ޖެހިފައި ވަނީ 1464 މީހުންނަށެވެ. އަދި އެރޯގާގައި މަރުވެފައި ވަނީ 103 މީހުންނެވެ. ސްލޮވީނިއާގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ހަންގެރީ، އިޓަލީ، ކްރެއޭޝިއާ އަދި އޮސްޓްރިއާ އަކީ ކޮވިޑް-19 ގެ ކޭސްތައް ގިނަގައުމުތަކެއް ކަމަށްވެފައި އެގައުމުތަކުގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާތީ އެ ރޯގާ ނުރައްކާ ސްލޮވީނިއާއަށް ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްލޮވީނިއާ ސަރުކާރުން ވަނީ ކޮވިޑް-19 އިންސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި އެގައުމު ބޭއްވުމަށް ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާނެކަމަށް ބުނެއެވެ. ސްލޮވީނިއާގެ އިތުރުން ނިއުޒިލޭންޑް ވެސް ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރިކަން އިއިލާނުކޮށްފަ އެވެ. ނަމަވެސް އެ ރޯގާ ނައްތާލެވުނުކަން ނިއުޒިލޭންޑުން އިއުލާންކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރި ގައުމެއްކަމަށްވާ ޗައިނާ އިން ވަނީ އެގައުމުގައި އަލުން ލޯކަލް ޓްރާންސްމިޝަނެއްގެ ބިރު އުފެދެމުންދާކަމަށް ބުނެފަ އެވެ. މިގޮތުން ކޮވިޑް-19ގެ 4 ކޭހެއް ފާއިތުވި 24 ގަޑީއިރު ތެރޭގައި ފެނިފައިވާކަމަށާ އެއީ ކަންބޮޑުވުމެއްކަމަށް ޗައިނާ އިން ބުނެފައިވެ އެވެ.

ޗައިނާއިން ވަނީ ކޮވިޑް-19 ގެ ޝިކާރައަކަށް އެންމެ ފުރަތަމަވި އެގައުމުގެ ވޫހާން ސިޓީގެ 11 މިލިޔަން މީހުން އެވައިރަސް އަށް ޓެސްޓް ކުރުމުގެ 10 ދުވަހުގެ ޚާއްސަ ކޭންޕޭނެއް ފަށައިފަ އެވެ. މި ކޭންޕޭންގެ ދަށުން މިހާތަނަށް ވަނީ ވޫހާން ސިޓީގެ 3.5 މިލިޔަން މީހުން ޓެސްޓްކޮށްފައެވެ.

(ނޫސްއެޖެންސީތައް)