25 Dec 2011, 17:19
ނިޕޮން ހަތް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި އިއްޔެ ޔޫއެން ފްރެންޑްސް އާއި ދެކޮޅަށް ކުޅުނު މެޗް ޓީރެކްސް ބާސްކެޓްބޯލް ކުލަބު ކާމިޔާބު ކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ޓީރެކްސް އިން ކާމިޔާބު ކުރީ 96 ޕޮއިންޓް 60 ޕޮއިންޓުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީރެކްސް އަށް 13 ޕޮއިންޓް ހޯދައިދިން ހުސައިން ހަލީމް އެވެ.
މިމެޗު ކާމިޔާބު ކުރުމުން ޓީ-ރެކްސް އަށް ވަނީ ދެވަނަ ބުރުގެ ފަހު ދެ ޖާގައިން ޖާގައެއް ކަށަވަރު ވެފައެވެ. މިމެޗުން ޔޫއެން ފްރެންޑްސް ބަލިވުމުން އެޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ނުކޮށް ކަޓާފަ އެވެ. ދެވަނަ ބުރުގެ ފަހު ޖާގަ ލިބުނީ ޑީ ބާސްކެޓްބޯލް ކުލަބަށެވެ. ދެވަނަ ބުރުގެ ފުރަތަމަ ދެޖާގަ ކަށަވަރު ކުރީ ރެޑްލައިން ކުލަބާއި ހަރިކޭން ބާސްކެޓްބޯލް ކުލަބުންނެވެ.
ލީގުގެ އެއްވަނާގައި ރެޑްލައިން އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ ލިބުނު އަށް ޕޮއިންޓާއެކު އެވެ. ހަތް ޕޮއިންޓާއެކު ދެވަނާގައި ހެރިކޭން އޮތްއިރު، ހަ ޕޮއިންޓާއެކު ތިންވަނާގައި އޮތީ ޓީރެކްސް ބާސްކެޓްބޯލް ކުލަބެވެ. ހަތަރު ވަނާގައި ޑީ ބާސްކެޓްބޯލް ކުލަބު އޮތްއިރު، ލީގުގެ އެންމެ ފުލުގައި އޮތީ ޔޫއެން ފްރެންޑްސް އެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެގޮތުން ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ބުރު އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
މިމުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ހަރިކޭން ބާސްކެޓްބޯލް ކުލަބާއި ޓީރެކްސް ބާސްކެޓްބޯލް ކުލަބެވެ ކުލަބެވެ.