ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު، ރިހެބުން ނެގި ރެންޑޮމް ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު އެ ރަށް މޮނިޓަރިންއަށް ގެނެސްފި އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހަސަން ފާއިޒް މިއަދު "ސަން"އަށް ވިދާޅުވީ، ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުން ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން މިއަދު އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޮނިޓަރިންގެ ހާލަތަށް ރަށް ގެނައިކަން އަންގައި ކައުންސިލުން މިހާރު ރައްޔިތުންނަށް އާންމުކޮށް އަންގައި، އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަސް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލުތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ސެންޓަރުތަކާއި ކުޑަކުދިންގެ ހިޔާ ފަދަ، ދައުލަތުގެ ފަރާތުން މީހުން ބަލަހައްޓާ ތަންތަނުގައި ރެންޑޮމް ސާމްޕަލިން ނެގުމުގެ މަސައްކަތްތަކެއް އެޗްޕީއޭއިން ވަނީ މިދިޔަ ހަފްތާ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ޗަލުން ނެގި، 30 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.

ނ. މަނަދޫއިން ވެސް މިއަދު އިތުރު ނުވަ މީހަކު ޕޮޒިޓިވްވުމާ އެކު އެ ރަށުގެ އެލާާޓް ލެވަލް ރެޑަށް ގެނެސް، އެ ރަށް ވަނީ މިހާރު ފުރަބަންދުކޮށްފަ އެވެ. މީގެ ކުރިން، ހއ. އުލިގަމާއި، ށ. ނަރުދޫއިން އަދި ހއ. ތަކަންދޫ އަދި ކ. ތުލުސްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނިފައިވެ އެވެ.

މިއަދު ފެނުނު އާ ކޭސްތަކާ އެކު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ ހާހުން މައްޗަށް ގޮސް 1020 އަށް އަރައިފަ އެވެ. އަދި އެ ބަލީގައި ހަތަރު މީހަކު މަރުވި އިރު، 45 މީހަކު ވަނީ ބަލިން ރަނގަޅުވެެފަ އެވެ.