25 Dec 2011, 17:15
މިނިވަން މުއައްސާތަކަށް ސަރުކާރުން ދީފައިވާ ބަޖެޓް ފިނޭންސް މިނިސްޓްރީ އިން ހިފަހައްޓާ ކަމަށް ބުނެ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި މިނިވަން މުއައްސަސާތަކުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހުށަހަޅައިފި އެވެ.
އެ ކޮމިޝަންގެ މެންބަރުން އެގޮތަށް އެދި ވަޑައިގަތީ މުސާރައިގެ އޮނިގަޑު މުރާޖައާ ކުރުމަށް މާލިއްޔަތު ކޮމެޓީން މިއަދު ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރްސީއެމް)، އާއި ސިވިލްސާވިސް ކޮމިޝަން (ސީއެއްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި މަޝްވަރާގެ ތެރެއިންނެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި ހިޔާލު ފާޅުކުރުމަށް ހުޅުވާލުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިދިޔަ ޖުލައި މަހުން ފެށިގެން ކޮމިޝަނަށް މަސައްކަތެއް ނުކުރެވި ތިބެން ޖެހުނީ ފިނޭންސުން ބަޖެޓު ހިފަހައްޓާފައި ވާތީ ކަމަށާއި ފިނޭންސަށް ދަންނަވައިގެން ކޮންމެ ކަމެއް ކުރަން ޖެހުމުން ކޮމިޝަންގެ މަސައްކަތްތަކަށް ބުރުއަރާ ކަމަށެވެ.
"ބަޖެޓުން ފިނޭންސުން ބޭނުންވާ ވަރަށް ދެ ބައިކޮށްފައި އެއްބައިވަރު ކުޑަކޮށްފައި ބަޖެޓު ލިބެނީ. އެ ބަޖެޓު ވެސް ހަރަދުކުރުމުގެ މިނިވަންކަމެއް ނޯވޭ. އަހަރު ފަހުކޮޅު ބަޖެޓުން ހަރަދެއްކުރުމަށް ފައިސާއެއް މިހާރަކު ނުލިބޭ،" ފުއާދު ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެ ކޮމިޝަނުގެ ތަހުގީގުތަކަށް ހުރަސް އެޅޭގޮތަށް ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކޮށް ހިފަހައްޓާ ކަމަށާއި ފައިސާ ހޯދުމަށް ފޮނުވާ ސިޓީ އެތައް ފަހަރަކު ފިނޭންސަށް ފޮނުވައިގެން ފައިސާ ހޯދަން ޖެހިފައި ހުރި ކަމަށެވެ.
"އެތައް ފަހަރަކު ފޮނުވާ ސިޓީ (ފައިސާ ހޯދަން) ނުލިބިގެން އެބަހުރި އަލުން ފޮނުވަން ޖެހިފައި. އަޅުގަނޑަށް ހީވަނީ އެކަން ކުރަމުން އެދަނީ ގަސްތުގައި ފައިސާ ހިފެހެއްޓުމަށް ހެން،" ލުތުފީ ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު ވިދާޅުވީ ޑިމޮކްރަސީއެއްގައި މީޑިއާ މުހިންމު ދައުރެއް އަދާ ކުރާ އިރު މީޑިޔާގެ ކަންކަން ރެގިއުލޭޓް ކުރުމަށް އެކަށީގެންވާ ބަޖެޓެއް ލިބެން ޖެހޭ ކަމަށާއި އެބަޖެޓުގެ ތެރެއިން ހަރަދުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށެވެ.
އެޗްއާރްސީއެމްގެ ރައީސް މަރިޔަމް އަޒްރާ ވިދާޅުވީ އެ ކޮމިޝަނުގެ ކުއްލި ދަތުރުތައް ކުރަން ޖެހޭ ހާލަތުގައި ފިނޭންސަށް ދަންނަވައިގެން ފައިސާ ހޯދަން ޖެހުމުން އެކަމަށް ހުރަސްއެޅޭ ކަމަށާއި އެނޫން އެހެން ގޮތެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.
ކޮމިޝަންތަކުގެ މެންބަރުން ވަނީ އެބޭފުޅުންގެ މުސާރަ އާއި އެލަވަންސްގެ މައްސަލައިގައި ވާހަކަދައްކަވައިފަ އެވެ.
އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ބައެއް މަގާމުތަކުގެ މުސާރަ އުފުލިފައިވީ ނަމަވެސް އެ ކޮމިޝަންގެ މެންބަރުންގެ މުސާރަ ހުރީ އަދިވެސް ހުރިވަރަށް ކަމަށެވެ.
"އަޅުގަނޑުމެންގެ މުސާރަ އެންމެ ފަހުން ބޮޑުކުރި އިރު ވެސް އެލަވަންސްތައް ކުޑަކޮށްފައި ހުރީ. އެހެންވީމާ އަޅުގަނޑުމެންގެ މުސާރަ ބޮޑުވެގެންނެއް ނުދޭ. އެހެން މަގާމުތަކަށް އިތުރުވާ ގޮތަށް އަޅުގަނޑުމެންގެ މުސާރަ ވެސް އިތުރުވާން ޖެހޭ ކަމަށް ފެނޭ،" ފުއާދު ވިދާޅުވި އެވެ.
ފޯން އެލަވަންސްގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް މުހަންމަދު ފަހުމީ ހަސަން ވިދާޅުވީ ފޯން އެލަވަންސް އަކީ އެލަވަންސެއްގެ ގޮތުގައި ދެވޭ އެއްޗަކަށް ބެލެވިގެން ނުވާނެ ކަމަށާއި އެއީ ވަސީލަތެއްގެ ގޮތުގައި ބަލަން ޖެހޭ އެއްޗެއް ކަމަށެވެ.
"އަތްގަޑު ފޯން މިއަދު މިވަނީ އަޅުގަނޑުމެންގެ ޖީބަށް އައިސްފައި. އެގޮތަށް ބަލަންޏާމުން އަޅުގަނޑުގެ މޭޒުގައި ހުންނަ އަތްގަނޑު ފޯނުގެ ބިލް ވެސް ނުދެއްކޭނެ. އަޅުގަނޑުމެން މަސައްކަތް ކުރާ އިރު ފޯނަކީ (މޯބައިލް) އެއީ އަޅުގަނޑުމެންގެ މަސައްކަތްތަކުގައި ވެސް ގެންގުޅޭ ފޯނަކީ،" ފަހުމީ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ އެލަވަންސެއްގެ ގޮތުގައި ފޯން އެލަވަންސް ކަނޑައެޅުމަކީ ވަކި ބަޔަކަށް ފައިދާތަކެއް ވެދާނެ ކަމެއް ކަމަށާއި އެއީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެކަމުގައި ވަކި އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.
"އެގޮތަށް ފޯނަށް ވަކި އަދަދެއް ކަނޑައެޅީމާ އެއީ ވަކިބަޔަކަށް ގެއްލުން ވެސް އަދި ފައިދާ ވެސް ވެދާނެ ކަމެއް،" ލުތުފީ ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީގައި ވެސް މެންބަރުން ވަނީ މަސައްކަތް ކުރާނެ ތަނެއްގެ ދަތިކަމާއި އަދި ބަޖެޓް ކުޑަވުމުގެ މައްސަލަ ފެންމަތި ވެސްކޮށްފަ އެވެ.