15 May 2020, 17:42
ދިއްލީ (މެއި 15): އިންޑިއާގެ ސިޓީތަކުގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން ފުރަބަންދުގެ ސަބަބުން ވަޒީފާ ގެއްލި، އަމިއްލަ ވިލެޖު (އަވަށް)ތަކަށް އެނބުރި ދާން ޖެހިފައިވާ މީހުންނަށް ދެ މަސް ވަންދެން ހިލޭ ކާތަކެތި ފޯރުކޮށްދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރުމަލާ ސިތާރާމަން ވިދާޅުވި ގޮތުގައި އެގައުމުގެ އިގުތިސާދު ސަލާމަތް ކުރުމަށް ކަނޑައަޅާފައިވާ 20 ޓްރިލިއަން ރުޕީސް (266 ބިލިއަން ޑޮލަރު)ގެ ރިލީފް ޕެކޭޖުގެ ދަށުން، ހިޖުރަވެރިންނަށް ހަނޑުލާއި މުގާއި ގޮދަން ފަދަ ކާނާ ފޯރުކޮށްދޭން 35 ބިލިއަން ރުޕީސް (463 މިލިއަން ޑޮލަރު) ވަނީ ހާއްސަކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ މަސް ތެރޭ އެ އެހީ ގާތްގަނޑަކަށް 80 މިލިއަން މީހުންނަށް ލިބޭނެއެވެ.
މީގެ އިތުރުން ހިޖުރަވެރިންނަށް އެކަށޭނަ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ރަށްފުށުގައި ދިރިއުޅޭ ވަޒީފާ ނެތް 23 މިލިއަން ވަރަކަށް މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް 100 ބިލިއަން ރުޕީސް (1.3 ބިލިއަން ޑޮލަރު) ވަނީ މިހާތަނަށް ހަރަދުކޮށްފައެވެ. އަދި އުނގު ވިޔަފާރި ކުރާ މީހުންނާއި ދަނދުވެރިންނަށް ސަބްސިޑައިޒްކޮށްފައިވާ ބޭންކް ލޯނުތައް ދީ، ދަނޑުވެރިން މިހާރު ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސް ކުރަން ހުއްދަ ދީފައިވާ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
އިންޑިއާގެ ޖީޑީޕީގެ 10 ޕަސެންޓާ އެއްވަރުގެ ކޮރޯނާވައިރަސް ރިލީފް ޕެކޭޖާ ބެހޭ އިތުރު މައުލޫމާތު އެގައުމުން ކޮންމެ ދުވަހަކުވެސް ހިއްސާ ކުރަމުންދާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މިދިޔަ މާޗް 25ގައި އިއުލާން ކުރި ފުރަބަންދު ވަނީ އަންނަ އާދިއްތަ ދުވަހާ ހަމަޔަށް އިތުރުކޮށްފައެވެ. ނަމަވެސް ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަ ސަރަހައްދުތަކުގައި މިހާރު ވަނީ ފިޔަވަޅުތައް ލުއިކޮށް، ބައެއް ވިޔަފާރިތައް ހުޅުވާލާފައެވެ.
އެ ފުރަބަންދާ ގުޅިގެން، އެގައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިދިޔަ މާޗް މަހު 8.7 ޕަސެންޓުގައި އޮތުމަށް ފަހު މިދިޔަ މަހު އެ އަދަދު ވަނީ 23.5 ޕަސެންޓަށް އަރާފަ އެވެ. އަދި މިދިޔަ ހަފްތާގައި އެ އަދަދު ވަނީ 27.1 ޕަސެންޓަށް އިތުރުވެފަ އެވެ.
އިންޑިއާގައި މިހާތަނަށް 82،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 2،649 މީހަކު ވަނީ މަރުވެފަ އެވެ.