ނިޕޮން ހަތް ވަނަ ގައުމީ ބާސްކެޓް ބޯޅަ ލީގުގައި އިއްޔެ ޔޫއެން ފްރެންޑްސް އާއި ދެކޮޅަށް ކުޅުނު މެޗް ޓީރެކްސް ބާސްކެޓް ބޯލް ކުލަބު ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ޓީރެކްސް އިން ކާމިޔާބު ކުރީ 96 ޕޮއިންޓް 60 ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީރެކްސް އަށް 13 ޕޮއިންޓް ހޯދައިދިން ހުސައިން ހަލީމް އެވެ.

މިމެޗު ކާމިޔާބު ކުރުމުން ޓީ-ރެކްސް އަށް ވަނީ ދެވަނަ ބުރުގެ ފަހު ދެ ޖާގައިން ޖާގައެއް ކަށަވަރު ވެފަ އެވެ. މިމެޗުން ޔޫއެން ފްރެންޑްސް ބަލިވުމުން އެޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ނުކޮށް ކަޓާފަ އެވެ. ދެވަނަ ބުރުގެ ފަހު ޖާގަ ލިބުނީ ޑީ ބާސްކެޓް ބޯލް ކުލަބަށެވެ. ދެވަނަ ބުރުގެ ފުރަތަމަ ދެ ޖާގަ ކަށަވަރު ކުރީ ރެޑްލައިން ކުލަބާއި ހަރިކޭން ބާސްކެޓްބޯލް ކުލަބުންނެވެ.

ލީގުގެ އެއްވަނާގައި ރެޑްލައިން އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ ލިބުނު އަށް ޕޮއިންޓާ އެކު އެވެ. ހަތް ޕޮއިންޓާ އެކު ދެވަނާގައި ހެރިކޭން އޮތްއިރު، ހަ ޕޮއިންޓާއެކު ތިންވަނާގައި އޮތީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ. ހަތަރު ވަނާގައި ޑީ ބާސްކެޓްބޯލް ކުލަބު އޮތްއިރު، ލީގުގެ އެންމެ ފުލުގައި އޮތީ ޔޫއެން ފްރެންޑްސް އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައި ގެންނެވެ. އެގޮތުން ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު ދެވަނަ ބުރަށް ކޮލިފައި ވާނީ ގަދަ ހަތަރު ޓީމެވެ. މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ބުރު އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިމުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ހަރިކޭން ބާސްކެޓްބޯލް ކުލަބާއި ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ.