ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޯދަން ފެށި ހަތް ބިދޭސީންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެ އެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގެއްލުނު ބިދޭސީންގެ ތެރެއިން އިތުރު މީހެއް ފެނިފައިވާ ކަމަށެވެ. އެއާއެކު އަ ހަތް މީހުންގެ ތެރެއިން މިހާރު ނުފެނި ތިބީ ދެމީހުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ސާމްޕަލް ނެގުމަށް ފަހު، ނަތީޖާ ލިބުނު އިރު ކޮވިޑް19 އަށް ޕޮޒިޓިވްވި ހަތް މީހަކު ނުފެނިގެން، އެމީހުން ހޯދުމަށް އެޗްޕީއޭއިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ މީހުންގެ ތެރެއިން އެކަކު އޮތީ މިހާރު ވެންޓިލޭޓަރުގައި ކަމަށެވެ.

ބާކީ ތިބި ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާއިރު، ފުލުހުންގެ މަސައްކަތުން އަނެއް ތިން މީހުން ނުފެނިއްޖެ ނަމަ، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެ ބައެއްގެ ޒާތީ މައުލޫމާތު ވަކި މިންވަރަކަށް ހާމަކުރާނެ އެވެ.

ގެއްލުނު މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމެންޓް ސައިޓްތަކުގައި އުޅެމުން ދިޔަ މީހުން ކަމަށާއި އަނެއް ތިން މީހުންނަކީ ތަފާތު ތިން އެޑްރެހެއްގައި އުޅެމުންދާ މީހުން ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ގިނަ މީހުން ތިބެނީ ދޫކޮށްލައިފަ އެވެ. އަދި ޕޮޒިޓިވްވުމުން އެ މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރެއެވެ.