25 Dec 2011, 16:40
އުމުރުން ދުވަސްވީ މީހުންނަށްދޭ 2،000 ރުފިޔާގެ އިނާޔަތް ބޮޑު ކުރުމަށާއި ސިޔާސީ ޕާޓީތަކަށާއި ކައުންސިލްތަކަށް ހުށަހަޅާފައިވާ ފައިސާ އިތުރު ކުރުމަށް ބަޖެޓަށް އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް އިސްލާހް ހުށަހެޅުމަށް މެންބަރުންނަށް ހުޅުވާލެއްވި ފުރުސަތުގައި، 65 އަހަރުން މަތީ މީހުންނަށް ދޭ 2000 ރުފިޔާގެ އިނާޔަތް 2300 ރުފިޔާ އަށް ބޮޑު ކުރުމަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމެވެ. އަދި ސިޔާސީ ޕާޓީތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ 14.5 މިލިޔަން ރުފިޔާ އަށް އިތުރު ކުރުމަށް ބަޖެޓަށް އިސްލާހް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ މައުސޫމެވެ. މިހާރު ސިޔާސީ ޕާޓީތަކަށް ބަޖެޓްގައި ހިމަނާފައި ވަނީ 11 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
މައުސޫމު ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ 01 ޕަސެންޓް ކޮންމެ އަހަރަކު ޕާޓީތަކަށް ކަނޑައަޅަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ އިރު މިހާރު ބަޖެޓްގައި ހިމަނާފައިވާ 11 މިލިޔަން ރުފިޔާ އަކީ ބަޖެޓްގެ 01 ޕަސެންޓް ނޫން ކަމަށެވެ.
ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓް އިތުރު ކުރުމަށް ވެސް މިއަދު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ހުށަހެޅުއްވާފައިވާ އެ އިސްލާހްގައި ދައުލަތުގެ ބަޖެޓްގައި މިހާރު ކައުންސިލްތަކަށް ކަނޑައަޅާފައިވާ 1.1 ބިލިޔަން ރުފިޔާގެ ބަޖެޓަށް 300 މިލިޔަން ރުފިޔާ އިތުރު ކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
މެންބަރުން ހުށަހެޅުއްވި އިސްލާހްތަކުގެ ތެރޭގައި ކުންފުނިތައް ޕްރައިވެޓައިޒްކުރާ އިރު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ގޮތަށް ޕްރައިވެޓައިޒް ކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާހްތައް ވެސް ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ހުށަހަޅުއްވާފައިވާ އިސްލާހްގައި ވަނީ ކުންފުނިތަކުގައި ސަރުކާރުގެ 60 ޕަސެންޓް ހިއްސާ ބާއްވާން ޖެހޭނެ ކަމަށެވެ.
އަންނަ އަހަރު ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކުންފުނިތައް ޕްރައިވެޓައިޒް ނުކުރެވޭ ގޮތަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވަނީ އިސްލާހް ހުށަހަޅުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ބަޖެޓަށް އިސްލާހު ހުށަހަޅުއްވަން ފެއްޓެވުމުން އެމްޑީޕީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ މެންބަރުން ވިދާޅުވީ ކޮމިޓީގައި ރަނގަޅު މަޝްވަރާތަކެއް ކޮށްފައި މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް އިސްލާހުތަކެއް ހުށަހެޅިގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
މެންބަރުން ބަޖެޓަށް 32 އިސްލާހެއް ވަނީ ހުށަހަޅުއްވައިފަ އެވެ.