ކޮރޯނާ ވައިރަހުގެ އާއިލާއަށް އަލަން އުފަންވި، ކޮވިޑް19 އަކީ މޫސުމީ ބައްޔަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، މި ވައިރަހަކީ ކޮރޯނާވައިރަހުގެ އާ ބާވަތެއް ކަމުން ވެގެންދާނެ ގޮތެއް ނޭނގޭ ކަމަށާއި ނަމަވެސް ލަފާކުރުންތަކަށް ބަލާއިރު އާންމުކޮށް މިފަދަ ބަލިތަކަކީ މޫސުމީ ބަލިތަކަށް ވެގެންދާ ކަމަށެވެ.

"ގިނަ ފަހަރު މިފަދަ ބަލިތަކަކީ ވޯލްޑްވައިޑްކޮށް އެންޑަމިކްކޮށްވާ ބަލިތަކެއް. ގިނަ ފަހަރު ކުރީގެ ބަލިތައް ހުރީ އެހެން. މިސާލަކަށް އެޗްވަންއެންވަން އަށް ބެލި ނަމަވެސް [މޫސުމީ ބައްޔަކަށް ވެގެންދިޔައީ]. އެންޑަމިކްކޮށް ވެގެންދާ ބަލިތަކަކީ ސީޒަނަލްވުމުގެ ފުރުސަތު އޮންނަށް ބަލިތަކެއް. ހާއްސަކޮށް މިހާ ފަސޭހަކޮށް ފެތުރޭ ބަލިތައް. އެހެންވީމަ އެކަށީގެންވޭ [ކޮވިޑް19]ސީޒަނަލްވުންވެސް،" ކޮރޯނާވައިރަސް މޫސުމީ ބައްޔަކަށް ވެގެން ގޮސްދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ/ އެންއީއޯސީ

ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދުފަދަ ފިޔަވަޅުތައް އެޅުމުގެ މަގްސަދަކީވެސް ބަލި ފެތުރުން ކޮންޓްރޯލްކޮށް ގިނަ މީހުންނަށް ފަރުވާދިނުން ކަމަށެވެ. އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިވާނުވާ މި ވައިރަހަށް ވެކްސިނެއް އުފެއްދުމަށް ނަގާ ވަގުތުގައި ވީހާވެސް މަދު ބަޔަކަށް ވައިރަސް ޖެހުމުގެ ފުރުސަތު ހޯދުމަކީވެސް ފުރަބަންދުގެ މަގްސަދެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"[އަމާޒަކީ] ދުނިޔޭގައި ވެކްސިންނަށް ހެދުމަށް ނަގާ ވަގުތުގައި އަޅުގަނޑުމެންް ކޮންޓްރޯލް ސިޓިއޭޝަންގައި ތިބުން. އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދަކީ ވެކްސިންއެއް އެހާތަނަށް އައުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ލަފާ ކުރެވޭ ގޮތުގައި ސާޖެއް އަޔަސް ދެން އަންނާނީ ވަރަށް ކުޑަ ސާޖެއް ކަމަށެވެ. އަދި ޓެސްޓިން ކެޕޭސިޓީ މިހާރު ހުރިވަރުގައި ހުރި ނަމަވެސް ސާޖެއް އަޔަސް އެނގޭނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 982 އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 46 އެވެ. އޭގެ ތެރެއިން ހަ މީހަކު ރަނގަޅުވިކަން އިއުލާން ކުރީ މިރޭގެ ނޫސްވެރިންގެ ބައްދަލުމުގައެވެ. ރާއްޖެއިން މިބަލިން މަރުވި މީހުންގެ އަދަދަކީ، ހަތަރެކެވެ.