މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ހަ މީހަކު ރަނގަޅުވެއްޖެ އެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރޭ އެކަކު ރަނގަޅުވި ކަމަށެވެ. އަދި ފަސް މީހަކު ވަނީ މިއަދު ރިކަވާ ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވައިރަސް ޖެހި އަލަށް ރަނގަޅުވި ހަ މީހުންނަކީވެސް ދިވެހީންނެވެ. އަދި އޭގެތެރެއިން ފަސް މީހުންނަކީ ފިރިހެނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެއާއެކު ރާއްޖެއިން އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ މިހާރު 46 އަކަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 982 އަށް އަރާފައެވެ. ކޮވިޑް-19 އަށް މިއަދު ވެސް ވަނީ ޖުމްލަ 27 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ.