މިއަދު ރާއްޖޭގައި ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެ އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 982 އަށް އަރައިފި އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރޭގެ 00:00 އަށް ފަހު މިރެއާ ހަމައަށް 27 މީހަކު ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އޭގެތެރެއިން މީގެ ކުރީން އާންމުކޮށްފައިވާ އަދަދަށްފަހު 14 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރެއިން ފެށިގެން މިރެއާ ހަމައަށް ވަނީ ކޮވިޑް-19 އާ ގުޅުންހުރި ސާމްޕަލް ނަގާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއާއެކު ޖުމްލަ ނަގާފައިވާ ސާމްޕަލްގެ އަދަދު ވަަނީ 13،639 ގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ނެގިފައިވާ ސާމްޕަލްތަކުގެ ތެރެއިން 27 އާ ކޭސް އެއް އަޅުގަނޑުމެންނަށް މިވަނީ ފާހަގަކުރެވިފައި. މި 27 ކޭސް އަކީވެސް ހަމަ ރޭގެ 12 އިން ފެށިގެން މިގަޑި [ޕްރެސްގެ ގަޑި] އާ ހަމައަށް ފެނިފައިވާ ކޭސްތައް،" އޭނާ ވިދާޅުުވިއެވެ.

މަބްރޫކް ވިދާޅުވީ، ވައިރަސް އަށް ޓެސްޓު ކުރުމަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި މިވަގުތު 348 ސާމްޕަލް އެއް އެބަހުރި ކަމަށެވެ.

ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު 1،340 މީހުން ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 950 މީހުން އެބަތިބިކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.