ޖަރުމަނުގެ ބުންޑެސްލީގާގައި ވާދަކުރަމުން އަންނަ ބަޔާން މިއުނިކުގެ އޮފިޝަލް ސްޕޮންސަރުކަރުން މަޝްހޫރު ޝޯޓް ވީޑިއޯ އެޕްލިކޭޝަން ޑޫޔިން ނުވަތަ ޓިކްޓޮކް އިން ހޯދައިފި އެވެ.

ބަޔާންގެ އޮފިޝަލް ވެބްސައިޓުގައި މިއަދު ބުނެފައިވަނީ ޗައިނާގެ ޑޫޔިން ކުންފުންޏާއެކު އެ ކުލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ބަޔާން މިއުނިކުގެ އޮފިޝަލް ޝޯޓް ވީޑިއޯ ސްޕޮންސަރަކަށް ޑޫޔިން ކުންފުނި ވެފައިވާ ކަން އެކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ.

ޑޫޔިން އަކީ ޗައިނާގައި މިހާރަކަށް އައިސް އެންމެ މަގުބޫލް އެޕްލިކޭޝަނެވެ. އެގައުމުގައި ދުވާލެއްގެ މައްޗަށް 400 މިލިއަނެއްހާ މީހުން އެ އެޕްލިކޭޝަނުގައި ވަގުތު ހޭދަކުރާ އިރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ އެޕްލިކޭޝަނުގެ މަގުބޫލުކަން ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.

https://www.tiktok.com/@fcbayern?lang=en

ޑޫޔިން އަކީ ޗައިނާގައި އެ އެޕްލިކޭޝަނަށް ކިޔާ ނަމަށްވީ ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެ އެޕްލިކޭޝަން ބޭނުން ކުރަނީ "ޓިކްޓޮކް" ގެ ނަމުގަ އެވެ. އެއާ އެކު ބަޔާން މިއުނިކް ވެގެން ގޮސްފައިވަނީ ޓިކްޓޮކް ކުންފުނިން ސްޕޮންސާ ކުރި ފުރަތަމަ ފުޓުބޯޅަ ކުލަބަށެވެ.

ބަޔާން މިއުނިކުގެ ސްޕޮންސަރުކަން ޓިކްޓޮކުން ހޯދުމުގެ ކުރިން ވެސް އެކުލަބުން އައީ އެ އެޕްލިކޭޝަނުގައި އޮފިޝަލް އެކައުންޓެއް ހިންގަމުންނެވެ. އެގޮތުން ބަޔާންގެ ޓިކްޓޮކް އެކައުންޓުގައި މިހާރު 1.6 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. އަދި އެ ކުލަބުގެ ވީޑިއޯތަކަށް ޖުމްލަ 15.6 މިލިއަން ލައިކް ވަނީ ލިބިފަ އެވެ.

"ބަޔާން މިއުނިކް އަކީ އަބަދުވެސް ސަޕޯޓަރުން އެންގޭޖްކޮށް، ކުލަބާއި ދެމެދު އޮންނަ ގުޅުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުލަބެއް. ހާއްސަކޮށް ކޮރޯނާ ވައިރަސްގެ ސަބަބުން ހުރިހާ އެންމެންވެސް ދުރުގައި ތިބޭ އިރު ޑިޖިޓަލްކޮށް އެންމެންނާ ގުޅިފައި އޮތުމަކީ ބަޔާންގެ އަމާޒެއް." ބަޔާންގެ އިންޓަނޭޝަލައިޒޭޝަންގެ ބޯޑް މެމްބަރު ޖޯގް ވެކާ ބުނެފައިވެ އެވެ.

ޗައިނާ އަކީ ބަޔާން މިއުނިކާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ބަޔާނުން ވަނީ 2016 ވަނަ އަހަރު ޗައިނާގެ ޝަންގްހާއީގައި އެކުލަބުގެ އޮފީހެއް ގާއިމް ކޮށްފަ އެވެ.