އެމްޑީޕީ އުފެއްދި މަގުސަދާ ހިލާފަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ދޮގު ވާހަކަތައް ދައްކަވައި މުޅި ޕާޓީ ހަލާކުކޮށްލަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރާއްޖެ އިން މެލޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަޒާކީ މުހައްމަދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސާ މަނިކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޒަކީ ވިދާޅުވީ މޫސަގެ އަމިއްލަ އެދުންތަކެއް ހިމާޔަތްކުރުމަށް އެމްޑީޕީ ގުރުބާން ކޮށްލުމަށް ދޫނުކުރައްވާނެ ކަމަށާއި އެމްޑީޕީގެ ތެރޭގައި ތިބި މަދު ބަޔަކަށް މޫސާ މަނިކު “ސަޔާއި ކެއުން" ފަދަ ތަކެތި ދީގެން އެ ޕާޓީގެ ނަމުގައި ހިންގަމުން ގެންދާ ދަށުދަރަޖައިގެ ހަރަކާތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވައިލައްވާ ކަމަށެވެ.

"އެތައް ބަޔަކު ގުރުބާނީތަކެއް ވެގެން މިޕާޓީ އަށް[އެމްޑިޕީ އަށް] ވެރިކަން ލިބުނީ، ރައީސް ނަޝީދަށް ވެރިކަން ލިބިފައި އެހުރީ. މިފަދަ ދަނޑިވަޅެއްގައި މޫސަ އާއި އޭނަގެ ބައިވެރިން އަޅުގަނޑުމެންގެ ޕާޓީ ފުނޑުފުޑުކޮށްލާކަން ޗާންސެއް ނުދޭނަން،" ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ މޫސާ މަނިކަށް އެމްޑީޕީ އުފެދުނު ގޮތާއި ވެރިކަމަށް އާދެވުނު ގޮތް ވެސް މިހާރު އޮޅިވަޑައިގެންފައި ހުރި ކަމަށާއި މޫސަ ނޫން ހުރިހާ އެންމެންނަކީ ވަގުން ކަމަށް ސިފަކޮށް ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދު އެއްވެސް ކަމެއް ރަނގަޅު ގޮތެއްގައި ނިންމަން އުޅޭ ކޮންމެ ފަހަރަކު އެކަން އެގޮތަށް ކުރިޔަ ނުދެއްވާ ނަމޭ ބުނެ މޫސަ އަށް ސަޕޯޓްކުރާ ބަޔަކު ލައްވައި އަތްޖަހައި ހަޅޭއްލައްވަމުން ގެންދަވާ ކަމަށާއި ހަގީގަތަކީ އެމްޑީޕީގެ ތެރޭގައި ވެސް މޫސާ މަނިކަށް ސަޕޯޓްކުރަނީ ވަރަށް މަދު ބަޔެއްކަން މޫސަ އަށް އެނގިވަޑައިގަންނަވާނެ ކަމަށް ނަޒާކީ ޒަކީ ވިދާޅުވި އެވެ.

"އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި މޫސަ އެ ހުންނަވަނީ ހަޅޭއްލަވަން. އޭނާ ލަވާ ހަލެއްކަކަށް ތާއިދެއްނެތް. ގައުމީ މަޖިލިހުން ވޯޓް ލައިގެން ހޮވުނެއް ކަމަކު، އެމްޑީޕީގެ މެންބަރުން ވޯޓަކުން އޭނާ ނުހޮވޭނެ، ފެއިލްވާނެ. ކީއްވެތޯ އޭނާ އެހުންނީ ވޯޓަކަށް ނުގޮސް އަޅުގަނޑުމެން އެމްޑީޕީ އުފެއްދި މަގުސަދާ ހިލާފަށް ހަޅޭލަވަލަވާ އެހުންނަނީ. ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވީހާ ވެސް އަވަހަކަށް އިންތިހާބު ބާއްވައި ވޯޓަކަށް ދާންވީނުންތޯ. އޭނާ އަށް ވެސް އެނގޭނެ ޗެއާޕާސަންގެ މަގާމަށް ނުހޮވޭނަކަން. މޫސާ މަނިކު ފޭލްވާނެކަން،" މެލޭޝިޔާގައި ދާދިފަހުން ދާތޯގެ ލަގަބު ލިބިވަޑައިގަތް ޒަކީ ވިދާޅުވި އެވެ.

ޒަކީ އަދި ވިދާޅުވީ މަދަނީ އިއްތިހާދުގެ ފަރާތުން ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތަކަށް ރައީސް ބޯލަބަން ނުޖެހޭނެ ކަމަށް މޫސާ އަށް ވިދާޅުނުވެވޭނެ ކަމަށާއި ރައީސް ނަޝީދަކީ ރައްޔިތުން ހޮވާފައިވާ ވެރިއެއްކަމުން ޑިމޮކްރެޓިކް ވެރިކަމެއްގައި ރައްޔިތުން ދައްކާ ވާހަކަތައް ރައީސް އަޑުއައްސަވާ ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކޮށްދިނުމަކީ އެމްޑީޕީގެ ވެސް ހަގީގީ މަގުސަދަށް ވާން ޖެހޭނެ ކަމަށެވެ.

"އަޅުގަޑު ގަބޫލެއް ނުކުރަން ޕޯޑިއަމަށް އަރާފައި ހަޅެއްލަނީ އެމްޑީޕީގެ އެޖެންޑާކަމެއް. އަދި އެ ދައްކާ ވާހަކަތައް އެމީހުންލަވާ ހަޅޭކެއް ރައީސް ނަޝިދު ގަބޫލްފުޅު ނުކުރައްވާނެކަން ވެސް، އަޅުގަނޑު ގަބޫލުކުރަން. އެކަން ރައީސް ގަބޫލް ކުރައްވަންޏާމު އަޅުގަޏޑު ދަންނަވަން އެބޭފުޅާ[ރައީސް ނަޝީދު]އަށް ވެސް އޮޅިވަޑައިގަންނަވަނީއޭ ކައިރީގައި ތިބި ހަޅޭއްލަވާ މީހުންގެ ބަހަކަށް ގައުމެއް ނުހިންގޭނެ، ސަޕޯޓް ގެއްލިގެންނޭ ދާނީ،" މެލޭޝިޔާގައި ހުންނަވައިގެން ފޯނުން ދެއްވި އިންޓަވިއުގައި ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާލުވީ 2013 ގެ ރިޔާސީ އިންތިހާބަށް ހަމައަށްދާ އިރު މޭޖާ ޗޭންޖެއް އެމްޑީޕީއަށް އަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކައިރީގައި ތިބި ހަޅޭއްލަވާ މީހުންގެ ބަހަށް ގައުމު ނުހިންގޭނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމައިގެން ނޫނީ ރިޔާސީ އިންތިހާބުގައި ވެސް އަދި އެހެން އިންތިހާބެއްގައި ވެސް ކާމިޔާބް ނުވާނެ ކަމަށް ޒަކީ ވިދާޅުވި އެވެ.

ރޭ އެމްޑީޕީ ހަރުގޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވެފައި ވަނީ އޭނާ އަކީ ކޮރޮޕްޓް ބޭފުޅެކޭ ބުނެ ބަޔަކު ފާޑު ކިޔަނީ އެފަދަ މީސްމީހުންނަށް ބަޔަކު ރިޝްވަތު ދީގެން ކަމަށެވެ. އަދި ވިދާޅުވީ މަދަނީ އިއްތިހާދުން ސަރުކާރަށް ހުށަހެޅި ޑިމާންޑްތައް ރައީސް ނަޝީދު އަޑުއެއްސެވިޔަ ނުދެއްވާނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Nazaaky Mohammed Zaki (mp3)